ހުޅުމާލޭގައި މީހުން އުޅެންފެށިތާ 10 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިޔައް ގެންދަން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން މިއަދު ވަނީ ހުޅުމާލޭގައި ކޮމިއުނިޓީ ހަރަކާތްތަކެއްވެސް ކުރިޔައް ގެންގޮސްފައެވެ. އެ ހަރަކާތްތަކުގައި ދިވެހި ރެޑްކްރެޒެންޓް އާއި ފުލުހުންނާއި ސިފައިންގެ އިތުރުން ހުޅުމާލޭގެ ސްކޫލްތަކާއި އެހެނިހެން ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ މެއި މަހު 12 ވަނަ ދުވަހަށް ހުޅުމާލޭގައި މީހުން އުޅެންފެށިތާ 10 އަހަރު ފުރޭތީ އެދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އެދުވަހާ ގުޅުވައިގެން ހަދާފައިވާ ލޯގޯ އަކާއި ކަލަންޑަރެއް މިއަދު ވަނީ އިފްތިތާހް ކޮއްފައެވެ. އެ ލޯގޯ އާއި ކަލަންޑަރު އިފްތިތާހް ކޮއްދެއްވީ ޝަރަފްވެރި މެހުމާނު ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ އުމަރު ޒާހިރުއެވެ.

މިފަދަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމުގެ މަގުސަދަކީ ހުޅުމާލެގެ މުޅި ކޮމިއުނިޓީ ބޭނުންކޮށްގެން އެތަނުގައި މީހުން އުޅެންފެށިތާ 10 އަހަރު ފުރޭދުވަސް ފާހަގަ ކުރުންކަމަށް އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު ސަލްފިޔާ އަންވަރު ވިދާޅުވިއެވެ.

ހުޅުމާލޭގައި މީހުން އުޅެންފެށިތާ 10 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ތަފާތު އެކި ހަރަކާތްތައް ކުރިޔައް ގެންދިޔުމަށް ވަނީ ނިންމާފައެވެ.