މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ބިދޭސީއަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ އެ ކުންފުނީގެ ކޮންސްޓްރަކްޝަން ބައިގައި ވަޒީފާ އަދާކުރަމުން ދިޔަ 22 އަހަރުގެ ބަނގުލަދޭޝްގެ މީހާ މަރުވެފައި ވަނީ ސްރީލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ކަމަށެވެ.

ބިދޭސީ މީހާ މަރުވެފައި ވަނީ އޭނާގެ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.

ސުހައިލް ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭގެ ދެކުނު ފަރާތުގައި އޮންނަ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި ބިދޭސީ މީހާ ދުއްވަމުންދިޔަ ބައިސްކަލްގައި ކާރަކުން ޖެހިގެން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓްރެފިކް ޕޮލިހާއި ހުޅުމާލޭ ޕޮލިސްޓޭޝަން ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.