14 Dec 2010, 10:20
ލޯކަލް ކައުންސިލް އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓު ލާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އަންނަ ބުރާސްފަތު ދުވަހު ހުޅުވާލާ ގޮތަށް ހަމަޖައްސައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލާން ބޭނުންވާ ފަރާތްތަކުން ޖެނުއަރީ 16 ވަނަ ދުވަހުގެ ހަވީރު 5:00ގެ ކުރިން އިލެކްޝަނަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އަދި ކުރީގެ އިންތިހާބުތަކުގައި ވޯޓުލުމަށް އެހެން ރަށްތަކުގައި ރަޖިސްޓްރީކޮށްފައިވާ މީހުން ވެސް، އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ނަމަ މިފަހަރު އަލުން ކޮމިޝަނުގައި ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް އިލެކްޝަނުން ބުނެ އެވެ.
ވޯޓު ލާ މަރުކަޒު ކަނޑައަޅައި ރަޖިސްޓްރީވުމަށް އެދޭ ފޯމު އިލެކްޝަންސް އޮފީހުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި އެ ފޯމު ހުށަހަޅަން ވާނީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއާ އެކު ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.
މާލޭގައި ރަޖިސްޓްރީވުމުގެ އިންތިޒާމް އިލެކްޝަނުން ހަމަޖައްސާފައި ވަނީ ޕޯސްޓް ބިލްޑިންގުގެ ހަތް ވަނަ ފަންގިފިލާގަ އެވެ. މީގެ އިތުރުން ވޯޓު ލާ މަރުކަޒު ރަޖިސްޓްރީ ކުރާނީ އަތޮޅު އޮފީސްތަކާއި ރަށު އޮފީސްތައް އަދި އިލެކްޝަން ކޮމެޓީ ކަނޑައަޅާ އިދާރާތަކުގައި ކަމަށް ވެސް އެ ކޮމިޝަނުގެ އިއުލާނުގައިވެ އެވެ. އަދި ވޯޓު ފޮށި ބަހައްޓާ ބޭރު ގައުމުތައް ކަމުގައިވާ އިންޑިއާ މެލޭޝިއާއާއި އަދި އާއި ލަންކާއި ރަޖިސްޓްރީވުމުގެ ކަންތައް ކުރިއަށް ގެންދާނީ އެ ގައުމުތަކުގައި ހުންނަ ދިވެހި އެމްބަސީތަކުން ނުވަތަ އެމްބަސީން ހަމަޖައްސާ އިދާރާތަކުން ކަމަށް ވެސް އިލެކްޝަނުގެ އިއުލާނުގައިވެ އެވެ.
މި އިންތިހާބުގައި ސިންގަޕޫރުގައި ވޯޓު ފޮށި ނުބަހައްޓާ ގޮތަށް ކޮމިޝަނުން ވަނީ ހަމަޖައްސައިފަ އެވެ.