25 Jan 2014, 18:01
ޝެރެޓަން މޯލްޑިވްސް، ފުލް މޫން ރިސޯޓް އެންޑް ސްޕާ ރިސޯޓްގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.
އެ ރިސޯޓްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު މިއަދު ސަން އަށް މައުލޫމާތުދެމުން ބުނީ އެ ރަށުގައި މަސައްކަތް ކުރާ 180 ވަރަކަށް މުވައްޒަފުން އިހުތިޖާޖު ކުރަމުން ގެންދަނީ ބޭރު ބައެއް މުވައްޒަފުންނާއި ދިވެހި މުވައްޒަފުން ތަފާތު ކުރުންތައް ގެންގުޅޭތީ ކަމަށެވެ. އޭގެ އިތުރުން ބައެއް ގައުމުތަކުގެ ޓޫރިސްޓުންނާ ދޭތެރޭ ވެސް ތަފާތު ކުރުންތައް ގެންގުޅެމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ އިހުތިޖާޖުގައި ދިވެހި މުވައްޒަފުންނާއި ބަނގުލަދޭޝް އަދި ލަންކާ މީހުން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
"ސާވިސް ޗާޖް ދިނުމުގައި ވެސް މެނޭޖްމަންޓްގައި އުޅޭ ބޭރުގެ މުވައްޒަފުންނާއި އަހަރުމެންނާ ތަފާތު ކުރުންތައް އެބަގެންގުޅޭ. ޖަރުމަންގެ ގެސްޓުންނަށް ވިއްޔާ ތަފާތު އިނާޔަތްތަކެއް ލިބިދީފައި، ޖަޕާންގެ ގެސްޓުންނަށް އެފަދަ ކަންތައްތައް ނުލިބޭ، މިސާލަކަށް ގެސްޓުންގެ ކޮމްޕްލެއިންތައް ބަލައިގަތުމުގައި ވެސް އެފަދަ ތަފާތު ކުރުންތައް އެބައުޅޭ. އެފަދަ މައްސަލަ ޖެހުމުން އެތައް ފަހަރެއްގައި ތަކުރާރުކޮށް އަންނަ ގެސްޓުންގެ ރައްޓެހިންނާއި އެމީހުން އެ ރަށަށް އަލުން އަންނަން ބޭނުންނުވާ ކަމަށް އެބަ ބުނޭ،" އޭނާ ބުންޏެވެ.
މެނޭޖްމަންޓް ލެވެލްގެ ޓީމަކުން މިއަދު 2:30ގައި އެ ރަށުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލުކުރި ކަމަށް އޭނާ ބުންޏެވެ. އޭގެތެރޭގައި ކުންފުނީގެ މުވައްޒަފުންނާއި ޔުނިވާޝަލްގެ އިސް ބައެއް ބޭފުޅުން ހިމެނޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ބައްދަލުވުމުގައި މުވައްޒަފުންގެ ޑިމާންޑްތަކަށް ހައްލެއް ގެންނާނެ ކަމުގެ ވާހަކަ ދެއްކި ނަމަވެސް އެކަން ކުރާނެ ވަކި ދުވަހެއް ކަނޑައަޅާފައި ނުވާތީ އެކަމާ ސްޓާފުން ހިތްހަމަނުޖެހި، އިހުތިޖާޖް ކުރަން ފެށީ އެ ބައްދަލުވުމަށް ފަހު ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ރަށުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެ ޝަކުވާތައް މިދިޔަ ޑިސެމްބަރު މަހު ވެސް މެނޭޖްމަންޓަށް ހުށަހަޅައިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެކަމާ ގުޅިގެން ރިސޯޓްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.