25 Jan 2014, 14:59
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ކުރާ ހުރިހާ ކަމެއް ވަގުތުން ހުއްޓާލުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފި އެވެ.
އެ ޖަމިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި އެހެން ބުނެފައި ވަނީ ސުޕްރީމް ކޯޓުން މީހަކު މެރުމަށް ހުކުމްކޮށްފި ނަމަ، އެ ހުކުމް ތަންފީޒުކޮށް ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިދިޔަ ބުރާސްފަތި ދުވަހު އަމުރުކޮށްފައި ވަނި ކޮށެވެ. ލީތަލް އިންޖެކްޝަނުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް ވެސް ހޯމް މިނިސްޓަރު ވަނީ އެ ސާވިސް އަށް އަމުރު ކުރުއްވާފަ އެވެ.
"މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ފަހަތަށް އެޅިގެންދާނެ ފިޔަވަޅެއް. އެކަމުގެ ސަބަބުން ރާއްޖޭގެ އިންސާނީ ހައްގަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ،" ރާއްޖޭގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ދިރާސާކުރުމަށް އެ ޖަމިއްޔާ އިން ކަނޑައަޅުއްވާފައި ހުންނަވާ އައްބާސް ފާއިޒުއާ ހަވާލާދީ އެ ބަޔާނުގައި ބުނެފައިވެ އެވެ.
އައްބާސް ބުނެފައި ވަނީ މަރުގެ ހުކުން ތަންފީޒު ކުރުމުގެ ސަބަބުން ކުށްކުރުން މަދުކުރެވޭނެ ކަމުގެ އެއްވެސް ހެއްކެއް ވެސް ފެންނަން ނެތް ކަމަށާއި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ކުރާ މަސައްކަތްތައް ރާއްޖޭގައި ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި މަރުގެ ހުކުމާ ބެހޭ ގާނޫނަށް ވެސް މިހާރުން މިހާރަށް ނިމުމެއް ގެންނަން ޖެހޭ ކަމަށް އޭނާ ބުނެފައިވެ އެވެ.
"ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ކުރަމުންދާ ހުރިހާ ކަމެއް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ. އަދި މަރުގެ ހުކުމާ ބެހޭ ހުރިހާ ގާނޫނުތައް ވެސް ނިމުމަކަށް ގެންނަން ޖެހޭ،" އޭނާ ބުނެފައިވެ އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ 19 މީހަކު ހުކުމް ތަންފީޒު ނުކުރެވި ރާއްޖޭގައި އެބަ ތިއްބި ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.