ކޯޓުތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލުމަކީ 2011 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

އެ ޑިޕާޓްމަންޓުން މިހެން ބުނެފައި ވަނީ ކުށްވެރިން ކޯޓަށް ނުގެނެސް، ކޯޓުތަކުގައި ވީޑިއޯ ކޮންފަރެންސް ނިޒާމް ގާއިމްކޮށް ޝަރީއަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނިކޮށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކ. މާފުށީ ކޯޓާއި ކްރިމިނަލް ކޯޓު ވީޑިއޯ ކޮންފަރެންސްކޮށް ގުޅާލެވިފައިވާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އޭގެފަހުން ކުރެވުނު މަސައްކަތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ވެރިކަންކުރާ ރަށުގެ ކޯޓާއި މާލޭގެ ސްޕީރިއާ ކޯޓުތައް ވީޑިއޯ ކޮންފަރެންސްކޮށް ގުޅާލެވިފައިވާ ކަމަށެވެ.

ބަޖެޓު ލިބެމުންދާ ވަރަކުން އިތުރު އިތުރު މެޖިސްޓްރޭޓް ކޯޓުތައް މާލޭގެ ސުޕީރިއާ ކޯޓުތަކާ ގުޅާލުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެގޮތަށް ހަމަޖައްސާފައިވާތީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޑަރަގް ކޯޓުގައި ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށްދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.