އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި މާލެ ދާއިރާތަކާއި އަތޮޅުތަކުގެ ދާއިރާތަކުގެ ވޯޓުލުން ހަމައެކަނި މާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ހަ ދާއިރާއެއްގެ ވޯޓުލުން އިއްޔެ ބޭއްވުމަށްފަހު، މިއަދު ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުން ނިންމާފައި ވަނީ މިއަދު ހަވީރު 4:00 ފެށިގެން މިރޭ 11:00 އަށް މާލޭގެ ދާއިރާތަކާއި އަތޮޅުތަކުގެ ދާއިރާތަކުގެ ވޯޓުލުން މާލޭގައި ކުރިއަށް ގެންދިއުމަށެވެ.

މާލޭ ސިޓީ ކައުންސިލް ހޯލުގައި މިއަދު ހަވީރު ވޯޓު ދޭން ޖެހޭނީ ގަލޮޅު ދެކުނު ދާއިރާ އާއި މައްޗަންގޮޅީ ދެކުނު ދާއިރާ އާއި މައްޗަންގޮޅި އުތުރާއި ހިތަދޫ އުތުރު ދާއިރާ އާއި ހޯރަފުށީ ދާއިރާގެ އިތުރުން ވިލިމާލެ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންނެވެ. އަދި ދަރުބާރުގޭގައި ވޯޓު ދޭން ޖެހެނީ ހުޅުހެންވޭރު ދާއިރާ އާއި މާފަންނު ދެކުނު ދާއިރާ އާއި މާފަންނު ހުޅަނގު ދާއިރާ އާއި މާފަންނު މެދު ދާއިރާ އާއި މާފަންނު އުތުރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި ހެންވޭރު އުތުރު ދާއިރާއަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުންނެވެ. އަދި ބިލެތްދޫ ދާއިރާ އާއި ފުވައްމުލަކު މެދު ދާއިރާ އާއި ދ. މީދޫ ދާއިރާ އާއި މަހިބަދޫ ދާއިރާ އާއި ހުޅުދޫ ދާއިރާގެ އިތުރުން ސ. މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރުން ވެސް ވޯޓު ދޭންޖެހޭނީ ދަރުބާރުގޭގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ގައުމީ މަޖިލީހާއި ބެހޭ ގޮތުން "ސަން"އަށް ވިދާޅުވީ މިއަދުގެ ގައުމީ މަޖިލީހުން ގޮތެއް ނިންމާފައި ވަނީ މާލެ ދާއިރާތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ކަމަށެވެ. އަދި އަތޮޅުތަކުގެ ވޯޓުލުން ކުރިއަށް ގެންދާނެ ގޮތަކާމެދު މިއަދުގެ ބައްދަލުވުގައި ގޮތެއް ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެގެ 13 ދާއިރާއެއްގެ ވޯޓުލުން މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ކުރިއަށްދާނެ ކަމަށް ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު (އަލިބެ) ވިދާޅުވި އެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ހަ ދާއިރާއެއްގެ ވޯޓުލުން އިއްޔެ ބާއްވާފައިވާއިރު، ރޭ 12:00 ޖެހުމާއެކު އެ ދާއިރާތަކުގެ ވޯޓު ފޮށިތަށް ގުނައި ނަތީޖާ ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް އެ އެމްޑީޕީއަކުން ވަގުތީ ނަތީޖާ އިއުލާނެއް ނުކުރެ އެވެ.

އެ ޕާޓީގެ އެޑުވައިޒަކީ ކޮމެޓީގެ މެމްބަރު އައިމިނަތު ޝައުނާ ވިދާޅުވީ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ޕާޓީން ރަސްމީކޮށް އިއުލާން ކުރާނީ ހުރިހާ ދާއިރާތަކެއްގެ ވޯޓުލުން ނިންމުމަށްފަހުގައި ކަމަށެވެ.