25 Jan 2014, 14:21
އެކި ދުވަސްމަތިން މާލޭގެ ނުވަ ފިހާރައަކުން ކިރުދަޅު ވަގަން ނަގަމުން ދަނިކޮށް ފަޅާއަރައިގެން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރި "ކިރުދަޅު ވަގު"ގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.
ޖަނަވަރީ މަގުގައި ހުންނަ "އީވްނިންގ މާޓް"އިން ކޯޓްސްކިރު ހަ ކިރުދަޅު ވަގަން ނަގައިގެން ފިލަން އުޅެކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަތުލައިގަތީ މއ. ނަސްރީންވިލާ، ހުސައިން ޒިޔާދެވެ. ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް އިއްޔެ ޖަހައިދިނީ އޭނާގެ މައްޗަށް ކުރާ ކިރުދަޅު ވަގަން ނެގި ކަމުގެ ތަހުގީގަށް ފުލުހުންނަށް ފުރުސަތު ދިނުމަށެވެ.
ފުލުހުން ބުނީ އީވްނިން މާޓުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި އުމުރުން 26 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާއަކީ ފިހާރަތަކުން ވައްކަން ކުރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި 2009 ވަނަ އަހަރު ޒިޔާދުގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ، ކުރީގެ ޖިނާއީ ކޯޓުން އޭނާގެ މައްޗަށް ހުކުމެއް ވަނީ ކޮށްފަ އެވެ. އަދި ވައްކަމުގެ މައްސަލައަކާ ގުޅިގެން ވެސް އޭނާގެ މައްޗަށް ވަނީ ހުކުމެއްކޮށްފަ އެވެ.
ޒިޔާދަކީ މާލޭގެ މަޝްހޫރު ފިހާރަތަކުން ކިރުދަޅު ވަގަން ނަގާފަ އެވެ. އެ ގޮތުން ވީބީ މާޓާއި އިހްސާން ފިހާރަ އާއި ކޮއިލް މާޓާއި ގްލޯރިއާ މާޓާއި އީވްނިންގ މާޓުން އޭނާ ވަނީ ވައްކަންކޮށްފަ އެވެ. އޭނާ ވަގަށް ނަގާފައި ހަމައެކަނި ވަނީ ކިރުދަޅުތަކެވެ. ފިހާރަތަކުން އޭނާ ކިރުދަޅު ވަގަން ނަގާ ވީޑިއޯ ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ވީޑިއޯއިން ފެންނަ ގޮތުން ހާސް ކަމެއް ނެތި ކަންފަތުގައި [ފޭކު] ފޯނެއް ޖަހައިގެން ހުރެ، ޖީބުން ކޮތަޅެއް ނަގައި، ކިރު ދަޅުތައް ކޮތަޅަށް ބަރުކޮށްލަ އެވެ. ދަނޑިވަޅު ބަލައި، ފައިސާ ނުދައްކާ ފިހާރައިން ނުކުމެގެން ދެ އެވެ.