އުމުރުން ދުވަސްވެ ގައިބާރު ނެތް މުސްކުޅިން ބުރަ މަސައްކަތެއް ކުރާތަނެއް ވަރަށް ނުފެނެ އެވެ. ކިރިޔާ ވެސް ގައިބާރެއް ހުރިނަމަ ފެންނަނީ ކޮންމެވެސް ލުއި މަސައްކަތެއްގައި ޝާމިލްވެ އުޅޭ ތަނެވެ. ނަމަވެސް އުމުރުން މުސްކުޅި މީހަކު ކުޅިވަރު ކުޅެ "ފިޓް"ކޮށް ހުރުމަށް ކަސްރަތުގައި އުޅޭ ވާހަކައެއް އަޑެއް ނާހަމެވެ.

ޗައިނާގެ ފުޖިއާން ޕްރޮވިންސްގައި އުޅޭ އުމުރުން 80 އަހަރުގެ ލީ ޖުއޯޗަން މަޝްހޫރު ނަމުންނަމަ "ބާސްކެޓް މާމަ" އަކީ އަބަދުވެސް ގާތް އަވަށްޓެރިންނާއެކު ބާސްކެޓް ކުޅުމަށް ޝައުގު ހުންނަ މީހެކެވެ. ލީ ކުރާ ކަސްރަތުން ހައިރާމްކަން ބޮޑުވެ އެވެ.

ޗައިނާގެ ނިއުސް ސާވިސް (ސީއެންއެސް)އަށް ދިން އިންޓަވިއުއެއްގައި ލީ ބުނީ ކަސްރަތު ކުރުމަށް ހުންނަ ޝައުގެއްގެ ބޮޑު ކަމުން ދުވާލަކު ދެ ގަޑިއަށް ކަސްރަތުގައި ހަރަކާތްތެރިވާ ކަމަށެވެ. އަދި ޒުވާން ކުދިންނާއި އެކު ބެޑްމިންޓަން ކުޅުމުގައި ވެސް ވާދަކުރާ ކަމަށް ލީ ބުންޏެވެ.

"އަހަރެން ހެނދުނު 150 ޕުޝްއަޕްސް ހަދަން. އަދި ހަވީރު 150 ސިޓް އަޕްސް ހަދަން. އަދި އެ އަދަދު ހަދަނީ 20 މިނެޓުން. އަހަރެން އޭގެން ކޮންމެ ކަސްރަތަކުން ތިން ސެޓް ހަދަން. އަދި ބާސްކެޓް ކުޅޭއިރު 72 ޕޮޓް ވައްޓާނުލައެއް ނިންމައެއް ނުލަން،" ސީއެންއެސް އަށް ލީ ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.

ލީގެ ހަށިގަނޑު އިތުރަށް ވަރުގަދަކޮށް ދުޅަހެޔޮ ކުރުމަށް މިހާރު ހަދަމުންދާ ޕުޝްއަޕްސްގެ އިތުރުން މިހާރު ދަނީ ޗިން އަޕްސް ހަދެމުގެ މަސައްކަތް ވެސް ކުރަމުންނެވެ.