ފުލުހުންގެ މުއައްސަސާއާ މެދު އާއްމުންގެ ތެރޭގައި ހުރި ޝަކުވާތައް ސީދާ ހޯމް މިނިސްޓަރާ ހިއްސާކުރެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުންގެ ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމަށް އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މުއައްސަސާތަކަށް މިހާރު ގެންނަ ބަދަލުތަކަކީ އާއްމު ރައްޔިތުންގެ ޝަކުވާތަކުގެ އަލީގައި ގެންނަ ބަދަލުތަކެއް ކަމަށާއި އެ މުއައްސަސާތަކާއި މެދު އާއްމުންދެކޭ ގޮތް ބެއްލުމަކީ ވަރަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ.

އާއްމުންގެ ހިޔާލާއި އެކު ފުލުހުން ކުރިއެރުމަށް އާއްމުންނަށް ބޭނުން ވަގުތެއްގައި ސީދާ ހޯމް މިނިސްޓަރަށް އެސްއެމްއެސްއަކުން މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ކުރިއަށް އޮތް މަސް ތެރޭގައި ގާއިމް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޭގެ ނަތީޖާއަކަށް ވާނީ ފުލުހުން އިތުރަށް ޒިންމާދާރުވުން. އެއީ ފުލުހުން ގޯސްގޮތަކަށް ނުވަތަ ކުރަން ނުޖެހޭ ކަމެއް ނުކޮށްފިއްޔާ އެތާގައި ހުންނަ އާއްމު މީހާއަށް އިނގޭނެ ހޯމް މިނިސްޓަރަށް ސީދާ އެ މައުލޫމާތު ފޮނުވާލެވޭނެކަން. އެގޮތަށް ފޮނުވާލުމުން އޭގެ ފަހަތުން ބަލަންޖެހޭ ކަންތައް ބަލާ ސިޔާސަތައް ގެންނަންޖެހޭ ބަދަލުތަކެއް ގެންނާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އުމަރު ވިދާޅުވީ މިހާރު ވެސް ފުލުހުންނާ ގުޅޭ ޝަކުވާތައް ހުށަހެޅެމުން އެޝަކުވާތައް ބަލާ އިސްލާހު ކުރަންޖެހޭ ކަންތައް އިސްލާހުކޮށްފައިވާނެ ކަމަށެވެ.

"ވަރަށް ގިނަ ބޭފުޅުން މައުލޫމާތު ފޮނުއްވާ. މިވެނި ޕޮލިސް ސްޓޭޝަނެއް ރަނގަޅެއް ނޫނޭ. މިވެނި ޕޮލިސް ސްޓޭޝަނެއްގައި ތިބޭ މީހުން މިރަށުގައި އުޅޭ މިވެނި މީހުންނާއި ގުޅިގެން ކޮނޑަށް އަތް އެއްލައިގެން އެކުގައި ކޮފީ ބޯންތިބޭ. މިފަދަ ފީޑްބެކް މިހާރުވެސް ލިބޭ. އެ ފީޑްބެކްތަކުން ކަންތައްތައް ހުންނާނީ އިސްލާހް ކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.