25 Jan 2014, 11:57
ސަރުކާރުގެ ކަރަންޓް ކުންފުނި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަތީފު ވަކިކޮށް، އެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
ޕްރައިވެޓޭޝަން ބޯޑުން ސްޓެލްކޯގެ އެމްޑީއަކަށް އަލަށް އައްޔަންކުރެއްވީ ސަރުކާރުގެ ފެން ކުންފުނީގެ މާކެޓިން ޑިވިޝަންގެ މާކެޓިން މެނޭޖަރުގެ މަގާމުގައި ކުރިން ހުންނެވި ހ. ސަންދަލީގެ، ހަސަން މުގްނީ އެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމަށް މުގްނީ އައްޔަން ކުރައްވާފައިވާ ކަން "ސަން" އަށް ވަނީ އޭނާ ކަށަކަވަރުކޮށްދެއްވާފަ އެވެ. މުގްނީ ވިދާޅުވީ އެމާގަށް އޭނާ އައްޔަން ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި ރަސްމީކޮށް އޮފީހަށް ނުކުންނަވަން ޖެހެނީ މާދަމާ ކަމަށެވެ.
އިންޓަނޭޝަނަލް ބިޒްނަސް އިން މާސްޓާސް އާއި ފައިނޭންޝިއަލް މެނޭޖްމަންޓުންނާއި މާކެޓިން އިން ޑިގްރީ ނަންގަވާފައި ހުންނެވި މުގްނީ އަކީ ކުރިން އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމާއި ތިލަފުށި ކޯޕަރޭޝަންގެ ބިޒްނަސް ކޮންސަލްޓަންޓްގެ މަގާމު ވެސް ފުރުއްވާފައި ހުންނެވި ބޭފުޅެކެވެ.