ސައުދީ އަރަބިއްޔާގެ ހަރަމްފުޅުގައި އިމާމްވެ ނަމާދު ކުރައްވާ އަދި ރީތިކޮށް ގުރުއާން ކިޔަވާ ވިދާޅުވާ ގާރީ ޑރ. އަބްދުއްރަހުމާނު އިބުނު އަބްދުލް އަޒީޒު އައްސުދެއިސް ރާއްޖެ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޑރ. ސުދެއިސްއަކީ މައްކާގެ ދެ ހަރަމްފުޅާއި މިސްކިތްތަކުގެ ވެރިޔާ އެވެ. އޭނާއަކީ ރީތިކޮށް ގްރުއާން ކިޔަވާ ވިދާޅުވެގެން ދުނިޔޭގެ މުސްލިމުންގެ މެދުގައި މަޝްހޫރު އަދި އެހާމެ ބޮޑު މަގުބޫލްކަމެއް ހޯއްދަވާފައިވާ ބޭފުޅުކެވެ. އެމަނިކުފާނާ ބައްދަލުކުރުމަކީ ސައުދީ އަރަބިއްޔާގެ ބޭފުޅުންނަށް ވެސް އުނގަދޫ ކަމެއް ކަމަގައި ވަނީ ވެފަ އެވެ.

އޭނާ ރާއްޖެ ވަޑައިގެންނަ ވަނީ އަތަމާ ހައްޖު ޖަމާއަތުގެ ރައީސް އިބްރާހިމް އަބްދުއްލަތީފު އެމަނިކުފާނަށް އެރުއްވި ދައުވަތަކަށެވެ. ލަތީފަކީ ފާއިތުވި 36 އަހަރު މައްކާ އަށް ވަޑައިގެން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އަތަމާ އިބްރާހިމް އަބްދުއްލަތީފު ވިދާޅުވީ ޑރ. ސުދެއިސްއާ ބައްދަލުކުރެއްވީ ހަރަމްފުޅުގައި ހުންނަ އެމަނިކުފާނު އޮފީސްކޮޅުގައި ކަމަށާއި އެ ފުރުސަތު އޭނާ އަށް ލިބިވަޑައިގަތުމުން ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި ރާއްޖެ އަށް ވަޑައިގަތުމަށް ސުދެއިސް އަށް އޭނާ ދެއްވި ދައުވަތު ގަބޫލްކުރައްވައި އަންނަ ރަމަޟާން މަހުގެ ކުރިން އާއިލީ ދަތުރުފުޅެއްގައި ރާއްޖެ އަށް ވަޑައިގެންނަވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުން އެފަދަ މަޝްހޫރު އަދި ދުނިޔޭގެ އެންމެން މުސްލިމުންގެ ތެރޭގައި އެހާމެ މަގުބޫލުކަން ހޯއްދަވާފައިވާ ބޭފުޅަކު ރާއްޖެ ވަޑައިގަތުމަކީ ރާއްޖެ އަށް ލިބޭ ފަހުރެއް. ދިވެހިން ވަރަށް ދެކިލަން ބޭނުންވާނެ ދުވަހެއް އެއީ އެފަދަ ބޭފުޅަކު އަޅުގަނޑުމެންގެ ފަސްގަނޑުގައި އަޅުގަނޑުމެންނާ އެކު އިމާމުވެ ނަމާދު ކުރުމަކީ، އަދި އެފަދަ ބޭފުޅެއްގެ ދީނީ ތަގުރީރެއް އަޑު އަހާލުމަކީ ވެސް،" ލަތީފު ވިދާޅުވި އެވެ.

އަތަމާ އިބްރާހިމް ލަތީފު ޑރ. ސުދެއިސްއާ އެކު ބޭއްވެވި އެ ބައްދަލުވުމުގައި މައްކާގެ ހަރަމްފުޅު ބޮޑުކުރުމާއި މައްކާގެ މަގުތައް ތަރައްގީކޮށް ހައްޖަށްދާ މީހުންނަށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ފުޅާކުރުމަށް ސައުދީ ރަސްގެފާނުގެ ބެލުމުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކަށް ބައްލަވާލައްވައި އެކަމަށް ޓަކައި ތައުރީފު ކުރެއްވި އެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ޑރ. ސުދެއިސް ލިޔުއްވާފައިވާ ބައެއް ފޮތްތައް ވަނީ ލަތީފަށް ހަދިޔާ ކުރައްވައިފަ އެވެ.