25 Jan 2014, 11:03
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު އާންމުކޮށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މަޖިލިސް އިންތިހާބު ބޭއްވުމަށް ކުރިން ވެސް ކަނޑައަޅާފައިވާ ގޮތަށް މާޗު މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އިންތިހާބަށް ހުޅުވާލުމަށް ވާން ޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މިހާރު ހިނގަމުންދާ ރައްޔިތުން މަޖިލީހުގައި 77 ދާއިރާއަކަށް މެންބަރުން ތިބި ނަމަވެސް މިއަހަރު ބައްވާ ރައްޔިތުން މަޖިލީހަށް 85 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެ އެވެ.
މަޖިލިސް އިންތިހާބަށް ސަރުކާރު ހިންގާ ކޯލިޝަނުން ދާއިރާތަކަށް ވާދަކުރާ އިރު ކޯލިޝަނުން ގެންދަނީ ގޮނޑިތައް ޕާޓީތަކަށް ދޭނެ ގޮތުގެ މަޝްވަރާތައް ކުރަމުންނެވެ. އަދި ސަރުކާރާއި އިދިކޮޅު އެމްޑީޕީން ގެންދަނީ އެ ޕާޓީގެ ފަރާތުން ދާއިރާތަކަށް ވާދަކުރާނެ މެންބަރުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވަމުންނެވެ.