ބޭހަށް އިންޑިއާ އަށްދާ ދިވެހިންނަށް ވިސާއާ ނުލައި އެގައުމުގައި 90 ދުވަހު މަޑުކުރެވޭނެ ހުއްދަ އިންޑިއާގެ ޓޫރިޒަމް މިނިސްޓްރީ އިން ދީފި އެވެ.

އިންޑިއާގެ ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ޓްރެވަލް ނޫހެއް ކަމަށްވާ "ޓްރެވަލް ބިޒް މޮނީޓާ ޑޮޓްކޮމް"ގައި ބުނެފައި ވަނީ ބޭހަށް އިންޑިއާ އަށްދާ ދިވެހިންނަށް ލުއި ފަސޭހަ ގޮތަކަށް މެޑިކަލް ވިސާ ލިބޭނެ ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ރާއްޖެ އިން އެދިފައިވުމުން ހިލޭ މެޑިކަލް ވިސާގައި 90 ދުވަހު އެގައުމުގައި މަޑުކުރެވޭނެ ހުއްދަ މިހާރު ދީފައިވާ ކަމަށެވެ.

އެ ނޫހުގައި ބުނެފައި ވަނީ އިންޑިއާގެ ސްޓޭޓް ވިތު އިންޑިޕެންޑެންޓް ޗާޖް ފޯ ޓޫރިޒަމް މިނިސްޓަރު ޑރ. ކޭ ޗިރަންޖީވް އާއި ހޯމް މިނިސްޓަރު ޝުޝިލްކުމާރު ޝިންދެ އާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ވަކި ގައުމުތަކެއް ފިޔަވައި ދެން ހުރި ގައުމުތަކަށް ވެސް މެޑިކަލް ވިސާގެ ކަންކަން ލުއި ކޮށްދީފައިވާ ކަމަށެވެ.

"ޗައިނާ، ޕާކިސްތާން އަދި ބަންގްލަދޭޝް ހިމެނޭ ގޮތަށް ހަތް ގައުމެއް ފިޔަވައި އެހެން ގައުމުތަކަށް ވެސް މެޑިކަލް ވިސާގެ ކަންކަން ލުއިކޮށްދީފައިވާނެ." ޑރ. ޗިރަންޖީވް ބުނެފައިވެ އެވެ.

އެއްފަހަރު މެޑިކަލް އަށް ދިއުމަށް ފަހު ދެން ދެވެން އޮންނަ 60 ދުވަހުގެ މުއްދަތު އުވާލުމަށް ވެސް މަޝްވަރާކޮށްފައިވާ ކަމަށާއި އިންޑިއާ އަށް މެޑިކަލް ވިސާގައި 180 ދުވަހަށް ވުރެ މަދު ދުވަހަށްދާ ނަމަ ފޮރިން ރީޖަނަލް ރެޖިސްޓްރޭޝަން އޮފީސް އަށް ރިޕޯޓް ކުރަން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެނޫހުގައި ބުނެފައިވެ އެވެ.

އިންޑިޔާގެ ރައީސް ޝްރީ ޕްރަނާބް މުކަރުޖީގެ ދައުވަތަކަށް، ރައީސް އަބްދުﷲ ޔާމީން އެގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެސް އިންޑިއާ އަށް ބޭސްފަރުވާ އަށްދާ ދިވެހިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވުމަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އެގޮތުން އިންޑިއާ އަށް ބޭސްފަރުވާ ހޯދަންދާ ދިވެހިންނަށް ހިލޭ ވިސާ ދިނުމާއި ދެ މަސް ދުވަހުގެ ތެރޭގައި އަލުން އަންނަ އިރު ދިމާވާ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން ރައީސް ޔާމީން މަޝްވަރާކުރައްވާފައިވާ ކަމަށް ދެ ބޭފުޅުން ބޭއްވި ބައްދަލުވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ވިސާ މައްސަލައާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ފަހު ދެ ފަރާތުން އެކްސްޗޭންޖް އޮފް ނޯޓެއްގެ ދަށުން އެ މައްސަލަ ހައްލުކުރަން ވެސް އެއްބަސްވެފައިވާ ކަމަށެވެ.