ފ. ނިލަންދޫގައި ހުންނަ ރައްޔިތުންގެ އަތޮޅު ފިހާރަ ރޭގެ ވަގުތެއްގައި ފަޅާލައިފި އެތަނުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އާއި ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ނިލަންދޫގައި ހުންނަ އެ ރަށު ރައްޔިތުންގެ ފިހާރަ ރޭ ދަންވަރުގެ ވަގުތެއްގައި ފަޅާލައިގެން ބަޔަކު ވަދެ ވައްކަން ކޮށްފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފިހާރައިގެ ތެރެއަށް ވަދެފައި ވަނީ ގުދަނުގެ ދޮރު ހަލާކުށްލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތަނުން ވަގަށް ނެގި އެއްޗެހީގެ ތަފްސީލު އަދި އެނގިފައެއް ނެތް. ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށު ފިހާރާގައި 25،000 އަށް ވުރެ ގިނަ ރުފިޔާ ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެތަނުގެ ތެރެއިން ގެއްލިފައިވާ ތަކެތީގެ ތެރޭގައި ސިނގިރޭޓް ކާޓޫން ވެސް ހިމެނޭ ކަމަށެވެ.

މީގެ ކުރިން ވެސް ނިލަންދޫގައި މިފަދަ ބޮޑެތި ވައްކަންތަކެއް ވަނީ ހިނގައިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފ. އަތޮޅު ކައުންސިލްގެ ތިޖޫރީ ފަޅައިލައި، ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގައިފަ އެވެ. ނަމަވެސް މިހާތަނަށް އެފައިސާތައް ހޯދިފައެއް ނުވެ އެވެ.