މަޖިލިސް އިންތިހާބަށް އެމްޑީޕީން ނުކުންނަ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕާޓީގެ ޕްރައިމަރީގެ ވޯޓްގެ ކަންތައްތައް ކުރިއަށްގެންދާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށް މިއަދު އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިއަދު ސަން އަށް ވިދާޅުވީ އެ ޕާޓީގެ ވިސްނުން ހުރީ އިއްޔެ ބޭއްވި ޕްރައިމަރީގެ ތެރެއިން އަތޮޅުތެރޭގައި ބޭއްވި އިންތިހާބުތަކުގައި މައްސަލަ ނުޖެހި ހުރި ދާއިރާތަކުގެ ވޯޓްތައް ބާތިލު ނުކުރުމަށް ކަމަށެވެ. އަދި މިއަދު ބައެއް ދާއިރާތަކުގެ އިންތިހާބް ބޭއްވުމަށް ކުރިން ނިންމާފައިވީ ނަމަވެސް މުޅި އިންތިހާބާ މެދު ގޮތެއް ދެން ކަނޑައަޅާނީ ގައުމީ މަޖިލީހުގެ ބައްދަލުވުމަކަށް ފަހުކަމަށް ވިދާޅުވި އެވެ.

"އިންތިހާބުގެ ކަންކަން ރަނގަޅަށް ގޮސްފައިވާ ހިސާބުތަކުގެ ނަތީޖާ ބަލައިގަނަން ނިންމާފައި މިވަނީ. ދެން މުޅި އިންތިހާބާއި ގުޅޭ ގޮތުން ކަންކަން ނިންމުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިއަދު ބާއްވަން މިއުޅެނީ،" މޫސާ މަނިކު ވިދާޅުވި އެވެ.

އެއިންތިހާބުގެ 12 ދާއިރާއެއްގެ ވޯޓް ރޭ ކުރިއަށް ގެންގޮސްފައިވާ އިރު އެ އިންތިހާބުތައް ބާތިލުކޮށް އަލުން އިންތިހާބު ބޭއްވުމަށް ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އިރު މޫސާ މަނިކު ވަނީ އެކަން ދޮގުކުރައްވައިފ އެވެ. އަދި އިންތިހާބާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ މިއަދު ބާއްވާ ގައުމީ މަޖލީހުގެ ޖަލްސާގައި ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ބައެއް މެމްބަރުންގެ ނަން ވޯޓާސް ލިސްޓުގައި ނެތިގެން، އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ އިއްޔެ ހުއްޓާލީ ހަމަނުޖެހުންތަކާއެކުގަ އެވެ. ބައެއް ރަށްރަށުގައި ވޯޓު ފޮށިތައް އަންދާލީ އެވެ. އަނެއް ރަށްތަކުގައި ވޯޓު ފޮށިތައް ގެއްލި، ވޯޓު ކަރުދާސްތަކާއި ވޯޓާސް ލިސްޓުތައް ވެސް ވަނީ އަންދާލައިފަ އެވެ. ދަރުބާރުގޭގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ކައިރީގައި ޕާޓީގެ މެމްބަރުނާއި އިންތިހާބު ބެލެހެއްޓި އޮފިޝަލުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރި އެވެ.