25 Jan 2014, 09:33
ކިޔޭވް (ޖަނަވަރީ 25): ޔުކްރޭނުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ ވަރުގަދަ މުޒާހަރާތަކުގައި މަގުތަކުގައި ހުޅުޖަހައި ސަލާމަތީ ބާރުތަކަށް އަމާޒުކޮށްގެން ހަމަލާތައްދީ ހަމަނުޖެހުންތައް ހިންގަމުން ގެންދާ އިރު ރައީސް ވިކްޓާރ ޔަނޮކޮވިޗް މަގާމުން ދުރުވެވަޑައިގަތުން ނޫންގޮތެއް ގަބޫލުނުކުރާނެ ކަމަށް އިދިކޮޅު ލީޑަރު ވިތާލީ ކްލިޗްކޯ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ވެރިރަށް ކިޔޭވްގައި ކުރިޔަށްދާ މުޒާހަރާތައް ކިތަންމެ ދިގު މުއްދަތަކަށް ދިގުލައިގެން ދިޔަ ނަމަވެސް ރައީސް ވިކްޓާ ޔަނޮކޮވިޗް މަގާމުން އިސްތިއުފާ ނުދެއް ވަނީ މިކަން ހުއްޓާނުލާނެ ކަމުގަ އެވެ. ޔުކްރެއިންގައި ހިނގަމުންދާ ގަޑުބަޑުތައް ހައްލުކުރުމަށް އެގައުމުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބޭއްވި ސުލްޙައިގެ ވާހަކަތައްވަނީ ނާކާމިޔާބުވެފަ އެވެ. މިވާހަކަތަކުގައި ސަރުކާރުން ބޮޑެތި ދޫތަކެއް ދިންނަމަވެސް އިދިކޮޅު ފަރާތްތައް ތިބީ ރައީސް ވިކްޓާރ ޔަނޮކޮވިޗް މަގާމުންދުރުވެވަޑައިގަތުން ނޫންގޮތެއް ގަބޫލުނުކުރުމަށް ނިންމައިގެންނެވެ.
ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ދިން ދޫތަކުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ކުރިން އެދުނުގޮތަށް ވަޒީރުންގެ މަޖިލީހުން ބައެއް ވަޒީރުން ދުރުކޮށް އަލުން ކެބިނެޓް އެކުވަލާލުމާއި ހައްޔަރުކޮށްފައިވާ އިދިކޮޅު އެކްޓިވިސްޓުންތައް މިނިވަންކުރުމާއި އިހްތިޖާޖްތަކާ ބެހޭ ގާނޫނު އިސްލާޙް ކުރުން ފަދަ އެތަށް ކަމެއް ހިމެނެ އެވެ. ކިޔޭވްގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ދިގުލީ މުޒާހަރާތަކުގެ ބައިވެރިންނާ ފުލުހުންނާ ދެމެދު މިދިޔަ ހަފްތާގައި ހިނގި ކުރިމަތިލުންތަކުގައި ތިންމީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވެ އެވެ.
ޔުކްރޭންގެ ބޮޑުވަޒީރު ނިލައި އަޒަރޯފް ވަނީ ޣައިރު ގާނޫނީ ގޮތުން ޔުކްރޭންގެ ސަރުކާރު ވައްޓާލުމަށް ޓަކައި އިންގިލާބެއް ގެންނަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އިދިކޮޅު ލީޑަރުންގެ މައްޗަށް ކުރައްވާފަ އެވެ. އަދި ޔުކްރޭންގެ ސަރުކާރަށް އެންމެ ބޮޑަށް ވާގިވެރިވާ ރަޝިޔާގެ ޚާރިޖީ ވަޒީރު ވަނީ އިދިކޮޅު ފަރާތްތަކުން ހިންގާ ހަމަނުޖެހުންތަކުގައި ބޭރުގެ އަތްތަކެއް ވާކަމަށާ ބޭރުގެ މިއަތަކީ ވިލާތުގެ އިއްތިޙާދުކަން ދޭހަވާގޮތަށް ވާހަކަ ދައްކަވާފަ އެވެ.
މީގެ ދެމަހެއްހާ ދުވަސްކުރިން ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް އިހްތިޖާޖްތައް ކުރަންފެށީ އެގައުމުން ވިލާތުގެ އިއްތިޙާދާއެކު ސޮއިކުރުމަށް ރާވާފައިވާ އިޤްތިސާދީ އެއްބަސްވުން ތަކެއްގައި ސޮއިނުކޮށް އިޤްތިސާދީ ގޮތުން ރަޝިޔާއާ ގުޅުންތައް ބަދަހި ކުރުމަށް ރައީސް ޔަނަކޮވިޗްގެ ސަރުކާރުން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށެވެ. ނަމަވެސް މިކަން ބަދަލުވެ އިދިކޮޅު ފަރާތްތަކުން މިހާރު ބޭނުން ވަނީ ރައީސް ޔަނަކޮވިޗްގެ ސަރުކާރު މަގުމަތިން ވައްޓާލުންކަން އިދިކޮޅު ލީޑަރުން މިހާރު ގެންދަވަނީ ފާޅުގައި ހާމަކުރައްވަމުންނެވެ. (ނޫސްއެޖެންސީތައް)