އިސްލާމްއާބާދު (ޖަނަވަރީ 25): ޕާކިސްތާނުގައި ނަބީކަމަށް ދައުވާކުރި މީހަކު ދަންޖައްސައި މެރުމަށް އެ ގައުމުގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.

އިސްލާމް އާބާދުގެ ކައިރީގައިވާ ރާވަލްޕިންޑީގެ ކޯޓަކުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފައި ވަނީ މާތް ﷲގެ ކިބައިން ވަޙީ އަންނަކަމަށް ބުނެ ނަބިއްޔެއްކަމަށް ދައުވާކުރަމުން ގެންދިޔަ އެގައުމުގެ ރައްޔިތެއްކަމަށްވާ މުޙައްމަދު އަސްޚަރުގެ މައްޗަށެވެ. ނަބިއްޔެއް ކަމަށް ދަޢުވާކޮށް ޕާކިސްތާނުގެ ރައްޔިތުން މަގުފުރައްދަން މަސައްކަތްކުރުމުގެ ކުށުގައި މުޙައްމަދު އަސްޚަރު މެރުމަށް ހުކުމްކޮށްފައި ވަނީ އެކުށް އޭނާގެ މައްޗަށް ސާބިތުވުމުންނެވެ. މުޙައްމަދު އަސްޚަރު ވަނީ އޭނާއަކީ ނަބިއްޔެއް ކަމަށާއި އޭނާ އަށް ތަބާވުމަށް ގޮވާލައި އެތައް ބަޔަކަށް ސިޓީފޮނުވައިފަ އެވެ. މީގެ އިތުރުން މީހުން އެއްކޮށްގެން އެ ދޮގު އަދި ބާތިލު ދައުވާ ފެތުރުމަށް އޭނާ ކުރިމަސައްކަތް ވެސް ޕާކިސްތާނުގެ ފުލުހުންނާއި އޭނާއާ ދެކޮޅަށް ހެކިބަސްދިން މީހުން ވަނީ ރާވަލް ޕިންޑީގެ ކޯޓަށް ސާބިތުކޮށްދީފަ އެވެ.

މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ ފުލުހުން (މުއްދަތެއްނެތި) އޭނާ ހައްޔަރުކޮށްފައިވާތާ ދުވަސްތަކެއް ވެއްޖެވެ. މުހައްމަދު އަސްޣަރުގެ ދިފާޢީ ވަކީލު އޭނާއަކީ ބޯހަމަނު ޖެހޭ މީހެއްކަމަށް ބުނުމުން ކޯޓުން ވަނީ އެކަން ސާބިތުކޮށްދިނުމުގެ ފުރްސަތު ވަކީލަށް ދީފަ އެވެ. ނަމަވެސް މުހައްމަދު އަސްޣަރު ބަލައި ޑޮކްޓަރީގޮތުން ހަދަން ޖެހޭ ހުރިހާ ޓެސްޓްތަކެއް ހެދުމަށް ފަހު ޕާކިސްތާނުގެ ޑޮކްޓަރުންގެ ޓީމަކުން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ބުނެފައި ވަނީ އޭނާއަކީ ސިއްޙަތާއި ބުއްދި ސަލާމަތުންހުރި މީހެއް ކަމުގަ އެވެ.

މިކަންތައް ތަކަށް ރިޢާޔަތް ކުރުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ޕާވަލްޕިންޑީގެ ކޯޓުން ހުކުމްކޮށްފައި ވަނީ މުޙައްމަދު އަސްޚަރު ދައްޖައްސައި މެރުމަށެވެ. ނަމަވެސް މިޙުކުމް ތަންފީޒުކުރެވޭނީ އިސްތިއުނާފުގެ ހުރިހާ މަރްހަލާއެއް ކަޑައްތު ކުރުމަށްފަހުގައި ކަމަށް ޕާކިސްތާން ފުލުހުން ބުނެ އެވެ. (ޔޫ.ޕީ.އައި)