25 Jan 2014, 01:01
ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނެސް ސުލްހައިގެ ވާހަކަތަކަށް މަގުފަހިކުރުމުގެ ގޮތުން އެގައުމުގެ އިދިކޮޅުފަރާތްތަކާއި، ސަރުކާރުގެ އޮފިޝަލުން ޖެނީވާގައި ބައްދަލުކުރުމަށް އެއްބަސްވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
ސީރިއާގައި ހިނގަމުންދާ ދިގުމުއްދަތަކަށް ދެމިގެން ގޮސްފައިވާ ދާހިލީ ކޯޅުންތައް ނިމުމަކަށް ގެނެސް އެގައުމުގައި ހަމަޖެހުން ގާއިމުކުރުމުގެ ގޮތުން ސުލްހައިގެ ވާހަކަތަށް ފެށުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ އދ. ގެ އެންވޯއީ، ލަޚްދާރު ބްރަހިމީ، ހުކުރުދުވަހު ވިދާޅުވީ ދެފަރާތުގެ އިސްވެރިންނާއި މަޝްވަރާކުރުމަށް ފަހު ދެފަރާތުން ވެސް މިހާރުވަނީ، ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ކޮންފަރެންސަކީ "ސީރިއާ ސަލާމަތްކުރުމަށް" ބާއްވާ ކޮންފަރެންސެއްކަމަށް ގަބޫލުކޮށް ވާހަކަތައް ފެށުމަށް އެއްބަސްވެފައި ކަމަށެވެ.
"ދެފަރާތާ އެކު ކުރިއަށް ގެންދެވުނު ވާހަކަތަކަށްފަހު މިހާރުވަނީ ބައްދަލުވުންތައް ފެށުމަށް އެއްބަސްވުމަކަށް އާދެވިފައި،" ބްރަހިމީ ވިދާޅުވި އެވެ. "މި މަޝްރޫއުގެ އެންމެ ބޮޑު އަޒުމަކީ ސީރިއާ ސަލާމަތްކުރުން. އުންމީދުކުރަން މިކަމުގައި ޝާމިލްވާ ތިންފަރާތް ކަމަށްވާ އިދިކޮޅު ފަރާތްތައް، ސަރުކާރު އަދި އދ އަށް މިކަމުގައި ކުރިއަށް ދެވޭނޭކަމަށް،"
ސުލްހައިގެ ކަންތައް ނުފެށި ލަސްވާ މައްސަލަ ދެބައިމީހުން އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އަޅުވަމުންދާއިރު އެކަމުގައި ހަރަކާތްތެރިވާ ޑިޕްލޮމެޓުން ބުނެފައިވަނީ، އެއްފަހަރާ ސުލްހައިގެ އެއްބަސް ވުމަކަށް އައުމުގެ ބަދަލުގައި އެފަރާތްތަކުން މަސައްކަތްކުރާނީ ކުދިކުދި އެއްބަސްވުންތަކެއް އެކުލަވާލައިގެން މަޝްވަރާތައް ފުޅާކުރުމަށް ކަމަށެވެ.
ބްރަހިމީ ވަނީ، ސީރިއާގެ އިދިކޮޅުފަރާތަކާއި އެގައުމުގެ ސަރުކާރުގެ ވެރިން އެއްތަނެއްގައި ބައްދަލުކޮށް މަޝްވަރާކުރުމަށް ދެބައިމީހުން އެއްބަސް ކުރުމުގެ މަސައްކަތުގައި ތިން ދުވަސް ހޭދަކުރަށްވައިފަ އެވެ.
މަޝްވަރާ ބައްދަލުވުންތަކުގައި ވާހަކަދައްކާނީ، ސީރިއާގައި ބޭރުގެ ފަރާތްތަކުން ބާރުލިބިގެން ހިންގާ ޓެރަރިޒަމް އަމަލުތައް ހުއްޓުވުމާ ގުޅޭ ގޮތުން ކަމަށް ސަރުކާރުން ބުނާއިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ، އެ ބައްދަލުވުމުގައި އެގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ވެސް މަޝްވަރާ ކުރަން ޖެހޭނޭ ކަމަށެވެ.
ސީރިއާގައި 2011 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކުގައި މިހާތަނަށް 130،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހަމަ އެހެންމެ ހަމަނުޖެހުންތަކާ ގުޅިގެން 9.5 މިލިޔަން މީހުންގެ ގެދޮރުގެއްލިފައިވާއިރު ސީރިއާއާއި އެގައުމުގެ އަވައްޓެރި ގައުމުތަކަށް އެކަމުގެ ސަބަބުން އިންސާނީ މުސީބާތަކާ ކުރިމަލާން ޖެހިފައިވާ ކަމަށް ވެއެވެ.