25 Jan 2014, 00:50
ހޮނިހިރު ދުވަހު އޮންނާނީ ހަމައެކަނި މާލޭގެ ދާއިރާތަކުގެ ޕްރައިމަރީ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ މާލޭގެ ދާއިރާތަކުގެ ވޯޓުލުން އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އަތޮޅުތަކުގެ ދާއިރާތަކުގެ އިންތިޚާބު ބާއްވަން މިހާރު ހަމަޖައްސާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހަށް ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެކިފަހަރުމަތިން ދިން ވޯޓުލާ މީހުންގެ ލިސްޓާއި، ވޯޓުލިއިރު ބޭނުންކުރި ލިސްޓާއި އަދި އެ ޕާޓީގެ ވެބްސައިޓުގައިވާ ލިސްޓާ ދިމާނުވާތީ ކެންޑިޑޭޓުން ނުރުހުން ފާޅުކޮށް އަޑުގަދަކުރުމުން ހުކުރު ދުވަހު ކުރިއަށްދިޔަ ވޯޓުލުން ވަނީ ހުއްޓާލާފަ އެވެ.
ބައެއް ރަށްރަށުގައި ހިނގި ހަމަނުޖެހުންތަކުގައި ވޯޓު ކަރުދާސްތަކާއި ވޯޓު ފޮށިތަކާއި ލިސްޓުތަކުގައި ވަނީ ހުޅުޖަހައި އަންދާލާފަ އެވެ.