ސިވިލްސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ ބަހުސްގައި މަޖިލީހުގެ ތަޅުން ހޫނުވެ ނިޒާމު ގެއްލުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ 2:20ގައި ނިންމާލައިފި އެވެ.


މިއަދުގެ މެންދުފަހުގެ ދަންފަޅީގައި މަޖިލީހުގެ ތަޅުން ހޫނުވީ، ބިލާ މެދު ފާޑު ވިދާޅުވެ އިދިކޮޅު ޑީއާރުޕީގެ މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވާހަކަ ދައްކަވައި ނިންމެވުމުން މޫސަ ނިސްބަތްވާ ހެވީލޯޑަށް ރައްޔިތުންގެ ފައިސާތަކެއް ކޮރަޕްޝަންގެ ތެރެއިން ދީފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު މެންބަރުން އަޑުގަދަކުރައްވައި "ހެވީލޯޑް އިސްތިއުފާއޭ" ގޮވައި އަޑުގަދަ ކުރައްވަން ފެއްޓެވުމުންނެވެ.


މެންބަރުން އެގޮތަށް އަޑުގަދަ ކުރައްވަން ފެއްޓެވުމުން، ޖަލްސާ ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވުމަށް ތަކުރާރުކޮށް ރިއާސަތުން އެދިވަޑައިގަތެވެ. ނަމަވެސް އެ ފުރުސަތު ނުދެއްވުމުން ޖަލްސާގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ރިއާސަތުން ޖަލްސާ ނިންމަވާލެވިކަން އެވަގުތު ރިޔާސަތުގައި އިންނެވި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން އިއްލާން ކުރެއްވި އެވެ.


ބިލާ ބެހޭ ގޮތުން އިދިކޮޅު މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން މޫސާ މަނިކު ވިދާޅުވީ، ގާނޫނު އަސާސީން މީހަކަށް ހޯދައިދޭން ޖެހޭ ކަންކަން ހޯދައިދޭން ޖެހޭނެ ކަމަށެވެ. އަދި މިއަދު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް އޮތީ "ހުޅުކޮޅެއް ގޮތުގައި" ކަމަށާއި މާދަމާ މެޖޯރިޓީ ލީޑަރަކަށްވެ ވަޑައިގަންނަ ވާނީ މޫސާ މަނިކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެންނަން ޖެހެނީ އެ ސަބަބަށް ޓަކައި ކަމަށާއި ކޮމިޝަން އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރު އުނި ކުރުމަށް ހުށހަޅާފައިވާ އިސްލާހަކީ އެ ގާނޫނަށް ކޮންމެހެން ގެންނަން ޖެހޭ އިސްލާހެއް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި ރުހުން ނުދީ މަޖިލީހުން ހަތް މީހެއްގެ ވަޒީފާ މަޖިލީހުން ނަގާލާފައި ވަނީ މެޖޯރިޓީއޮތް ފަރާތުގެ އެއްވެސް ރަހްމެއްނެތި ކަމަށާއި އެފަދަ ކެމެއް ކޮށްފައި ސިވިލް ސާވިސް މުވައްޒިފުންގެ ހައްގުގެ ވާހަކަ ނުދެއްކުމަށް ވެސް މޫސަ އިދިކޮޅު ފަރާތްތަކަށް ގޮވައިލެއްވި އެވެ.


"މާދަމާ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަންނޭނެ މިހިރީ. ދިވެހި ރާއްޖޭގެ ތާރީހު ނުދެކޭ ފަދަ މިނިވަން ހިޔާލުގެ، ރައްޔިތުންނަށް އަނިޔާނުކުރާ ވެރިއެއް(ރައީސް ނަޝީދު)ގެ އަތުން އެބާރުތައް ނިގުޅައި ގަނެގެން އުޅެނީ ކީއްވެތޯ އަލުގަނޑު ސުވާލު ކުރަން. އަޅުގަނޑާ ބިލާ އެއްކޮށް ބޭރުކުރަން އިދިކޮޅު ފަރާތްތަކުން ކިޔަސް އެކަމެއް ނުވާނެ. މީހުންގެ ހައްގުގެ ވާހަކަ ދައްކާއިރު ސިވިލް ސާވިސް މުވައްޒިފުން ފިޔަވައި އެހެންބައެއް މި ގައުމުގައި ނެތީތަ."


އެބިލަށް ވާހަކަ ދައްކަވަމުން އިދިކޮޅު ޑީއާރުޕީގެ މެންބަރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، ސިވިލް ސާވިސް މުވައްޒިފުންގެ މުސާރައިން ކަނޑައިލި 600 މިލިޔަންގެ ތެރެއިން 300 މިލިޔަން ރުފިޔާ ލިބިފައިވާ މީހަކު (މޫސާމަނިކު) މި ބިލު ހުށަހެޅުއްވުމަކީ އެކަމުގައި އަމިއްލަ މަސްތަހަތު ވަރަށް ބޮޑަށް ހިމެނޭ ކަމެއް ކަމަށެވެ.


"ސިވިލް ސާވިސް މުވައްޒިފުންނަށް މަލާމާތް ކުރުމުގެ ގޮތުގައި މިފަދަ އިސްލާހްތައް ހުށަހެޅުއްވުމަށްވުރެ ރަނގަޅުވާނެ، އެ މުވައްޒިފުންގެ މުސާރަ އިން ލިބުނުބައި ސަރުކާރަށް ދައްކައިގެން ސިވިލްސާވަންޓުންގެ މުސާރަ ލިބޭނެ ގޮތް ހަދައިދިނިއްޔާ. މިއީ އެތަކެއް ރައްޔިތުންގެ އާމްދަނީ އާއި އެތަކެއް މުވައްޒިފުންގެ ހައްގުތަކާ ގުޅޭކަމެއް ކަމަށް ވާތީ ބިލު ރައްޔިތުންގެ މަޖިލީހުގެ ހަފޮޅުން ބޭރުލަން ޖެހޭ. މިބިލާއި މިބިލު ހުށަހެޅުއްވި މެންބަރު ވެސް މަޖިލީހުން ބޭރުކުރަންޖެހޭ،" އަލީ ވަހީދު ވިދާޅުވި އެވެ.