24 Jan 2014, 23:09
އިނގިރޭސި ވިލާތުގެ ޗެލްސީއަށް ކުޅޭ ގާނާ މިޑްފީލްޑަރު މައިކަލް އެސިއެން ދާއިމީ ގޮތަކަށް އިޓަލީގެ އޭސީ މިލާނަށް ބަދަލުވާން ހަމަޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
މިލާންގެ ވެބްސައިޓުގައި އެސިއަންއާ ބެހޭގޮތުން ބުނެފައިވަނީ، ޑޮމެސްޓިކް އަދި ޗެމްޕިއަންސް ލީގާއި ގައުމީ ޓީމާ އެކުވެސް ރަނގަޅު ކާމިޔާބުތަކެއް ހޯދައިފައިވާ 31 އަހަރުގެ މިޑްފީލްޑަރު ހުކުރު ދުވަހުގެ ވަގުތެއްގައި މިލާނަށް އަންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
ޗެލްސީގެ އޭރުގެ ކްލަބު ރެކޯޑް ފީއެއްގެ ގޮތުގައި 24.4 މިލިޔަން ޕައުންޑަށް 2005 ވަނަ އަހަރު ފްރާންސްގެ ލިޔޯންއިން އެ ކްލަބާ ގުޅުނު އެސިއެން، 2012 ވަނަ އަހަރު އަނިޔާގެ ސަބަބުން ނުކުޅެ ހުރުމަށް ފަހު ލޯން އެއްބަސްވުމެއްގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު އެނބުރި ޗެލްސީއަށް އައީ މިސީޒަންގައި ކޯޗު ހޯޒޭ މޮރީނިއޯއާ އެކު އެވެ. އޭނާ މިސީޒަންގައި ޗެލްސީއަށް މިހާތަނަށް ކުޅެފައިވަނީ އެންމެ ނުވަ ފަހަރު އެވެ.
ޗެލްސީގައި އެސިއެން ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ އެކްލަބަށް އިނގިރޭސި އެފްއޭ ކަޕް ހަތަރު ފަހަރު، ޕްރިމިއާ ލީގު ދެފަހަރު އަދި ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި ވެސް އެހީތެރިވެދީފަ އެވެ.
މި ސީޒަންގެ ޕްރިމިއާ ލީގުގައި އެންމެ ދެމެޗު ކުޅުމުގެ ފުރުސަތު އެސިއަން އަށް ލިބިފައިވާއިރު ޕޯޗުގީޒުގެ ބެންފިކާ އަށް ކުޅެމުން އަންނަ ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ނެމެންޔާ މަޓިޗް، 21 މިލިޔަން ޕައުންޑުގެ ފީއަކަށް އެނބުރި ޗެލްސީއާ ގުޅުމުން އެސިއަންއަށް ފުރުސަތު އިތުރަށް ކުޑަވެގެންދާނެ އެވެ.