މަޖިލިސް އިންތިހާބަށް އެމްޑީޕީން ނުކުންނަ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕާޓީގެ ޕްރައިމަރީގައި "އޮޅުވާލައިގެން" އެކަކަށް ދެ ފަހަރު ވޯޓުލެވޭ ގޮތް މެދުވެރިވެއްޖެ އެވެ.

އެމްޑީޕީގެ ކޮންމެ މެމްބަރަކަށް ދެ ފަހަރު ޕްރައިމަރީގައި ވޯޓުލެވޭ ގޮތް މެދުވެރިވީ ވޯޓާސް ލިސްޓުގައި މިއަދު ޖެހުނު މައްސަލަތަކާ ގުޅިގެން، އިންތިހާބު އަލުން ކުރިއަށް ގެންދިއުމަށް "ލުއި ފަސޭހަތަކެއް" މެމްބަރުންނަށް ދިނުމުންނެވެ. ރަޖިސްޓްރީ ކުރުމަކާ ނުލައި، އެމްޑީޕީގެ ވެބްސައިޓުގައި ޕާޓީގެ މެމްބަރެއް ކަމަށް ބުނެފައިވާ ހުރިހާ އެންމެންނަށް ހުރި ތަނެއްގައި ވޯޓުލެވޭނެ ގޮތަށް ޕާޓީން މިއަދު ހަމަޖެއްސި އެވެ. ގޮތަށް ހަމަޖެއްސުމުން، މާލޭގައި ވޯޓު ދިނުމަށް ފަހު، ނިސްބަތްވާ ދާއިރާ އަށް ގޮސް ރަށުގައި ވެސް ވޯޓު ދެވިދާނެ އެވެ.

އެ "އޮޅުވާލުމުގެ" ތެރެއިން އެކަކަށް ދެ ފަހަރު ވޯޓުލެވިދާނެ ކަމަށް އެމްޑީޕީން ވެސް އެއްބަސްވެ އެވެ. ޕްރައިމަރީއާ ގުޅޭ ގޮތުން އެމްޑީޕީގެ މިރޭ ބޭއްވި ކުއްލި ނިއުސް ކޮންފަރެންސުގައި އެޑުވައިޒަކީ ކޮމެޓީން މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އެކަން އެ ގޮތަކަށް މެދުވެރިވެއްޖެ ނަމަ ކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް އެކަކު ދެ ފަހަރަށް ވޯޓުލައިފި ނަމަ އެ ދާއިރާއެއްގެ އެ ވޯޓު ފޮށީގެ ނަތީޖާ ބާތިލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަކު ދެ ފަހަރަށް ވޯޓު ދިންކަން އެނގޭނެ ގޮތުގެ ތަފްސީލަކަށް އަލީ ނިޔާޒު ވަޑައިނުގެންނެވި އެވެ.

"ދެ ފަހަރަށް ވޯޓުލުމުގެ ފުރުސަތު އޮވެދާނެ. ދެ ފަހަރަށް ވޯޓުލައިފިއްޔާ އެ ވޯޓު ފޮއްޓެއް ބާތިލުވާނެ... މިސާލަކަށް ދަރުބާރުގޭގައި ހުންނަ ފޮއްޓަށް ވޯޓުލާފައި އަނެއްކާ ވެސް ގޮސް އައްޑޫގައި ހުންނަ ފޮއްޓަށް [މާދަމާ] ހަވީރު 4:00 ފެށިގެން ރޭ ގަނޑު 11:00އަށް އޮންނަ ވަގުތުގައި ވޯޓުލައިފި ނަމަ އަޅުގަނޑުމެން ކުރާނެ ކަމެއް ނޯންނާނެ،" އަލީ ނިޔާޒު ވިދާޅުވި އެވެ.

މެމްބަރަކު ދެ ފަހަރު ވޯޓުލިކަން ދެނެގަންނާނީ މޮނިޓަރުންނާއި އޮބްޒާވަރުނާއި މީޑިއާތަކުން އެކަން ޝައުގުވެރިކަމާ އެކު ކަވަރު ކުރުމުން ކަމަށް ނިޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ބައެއް މެމްބަރުންގެ ނަން ވޯޓާސް ލިސްޓުގައި ނެތިގެން، އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ މިއަދު ހުއްޓާލީ ހަމަނުޖެހުންތަކާއެކުގަ އެވެ. ބައެއް ރަށްރަށުގައި ވޯޓު ފޮށިތައް އަންދާލީ އެވެ. އަނެއް ރަށްތަކުގައި ވޯޓު ފޮށިތައް ގެއްލި، ވޯޓު ކަރުދާސްތަކާއި ވޯޓާސް ލިސްޓުތައް ވެސް ވަނީ އަންދާލީ އެވެ. ދަރުބާރުގޭގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ކައިރީގައި ޕާޓީގެ މެމްބަރުނާއި އިންތިހާބު ބެލެހެއްޓި އޮފިޝަލުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރި އެވެ.

ވޯޓު ފޮށިތައް އަންދާލި މައްސަލާގައި ޕާޓީން އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާފާނެތޯ ސުވާލު ދެންނެވުމުން އަލީ ނިޔާޒު ވިދާޅުވީ "އެއީކީ ޕާޓީގެ އިންސްޓްރަކްޝަނަކަށް ކުރި ކަމެއް ނޫން" ކަމަށާއި އެކަމާ ގުޅޭ ގޮތުން އަމަލު ކުރާނެ ގޮތެއް ފަހުން ނިންމާނެ ކަމަށެވެ.

"އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް އަޅުގަނޑުމެން އަދި ނުނިންމަން. އެއީކީ ޕާޓީގެ އިންސްޓްރަކްޝަނަކަށް ކުރި ކަމެއް ނޫން. އެކަމާ ގުޅޭ ގޮތުން އަމަލު ކުރާ ގޮތް ފަހުން ނިންމާނަން،" އޭނާ ވިދާޅުވި އެވެ.

ހަމަނުޖެހުމާ ގުޅިގެން ޕްރައިމަރީ ހުއްޓާލުމަށް ފަހު އަލުން ވަނީ 11 ދާއިރާއެއްގެ ވޯޓުލުން މިރޭ ފަށާފަ އެވެ. އަނެއް ދާއިރާތަކުގެ ވޯޓުލުން ފަށާނީ މާދަމާ ހަވީރު 4:00 ފެށިގެން 11:00 އަށެވެ.