އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑަށް ލީގު ދިފާއުކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތްކަމަށް އެ ކްލަބުގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފިއެ އެވެ.

ޕްރިމިއާ ލީގު ތާވަލުގެ ކުރީގައި 51 ޕޮއިންޓާއެކު އޮތް އާސެނަލް އަށްވުރެ 14 ޕޮއިންޓު މަދުން ލީގު ތާވަލުގެ ހަތް ވަނައިގައި އޮތް ޔުނައިޓެޑް އޮތްއިރު ލީގުގައި ކުޅޭ ކޮންމެ ޓީމަކަށް ބާކީ އޮތީ 16 މެޗެވެ. އެހެން ނަމަވެސް މިދިޔަ މޭ މަހު ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާދިން ފާގަސަން ވަނީ ޔުނައިޓެޑަށް ލީގު ދިފާއުކުރުމުގެ ފުރުސަތު ގެއްލިއްޖެ ކަމަށް ގަބޫލުކުރަން ދެކޮޅު ހަދައިފަ އެވެ.

"އަހަރެން ވަކި ޓީމެއް ދައްކޮށްލަނީކީ ނޫން،" ޔުނައިޓެޑަކީ އަބަދުވެސް ސީޒަންގެ ފަހުކޮޅުގައި ވަރުގަދަ ކުޅުމެއް ދައްކާ ޓީމެއްކަން ހަނދާންކޮށްދެމުން އުމުރުން 72 އަހަރުގެ ފާގަސަން ބުންޏެވެ.

"ޓޮޓެންހަމް މިހާރު މަޑުމަޑުން ކުރިއަށް ޖެހެން ފަށައިފި. ލިވަޕޫލް އާއި އެވަޓަން ދަނީ ރަނގަޅު ކުޅުމެއް ދައްކަމުން. އަދި ސިޓީއިން އެއަށް ވުރެވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުން ދަނީ. އާސެނަލް އޮތީ ލީގުގެ ކުރީގައި،" ފާގަސަން ބުންޏެވެ. "ދެން މޮރީނިއޯ ބަލާނެ ހަޑި ކުޅުމެއް ކުޅެގެންވެސް ޗެލްސީއަށް މެޗުތައް ކާމިޔާބުކޮށްދޭން. އެކަމަކު މި ހުރިހާ ޓީމުތަކެއް މިގޮތަށްދާއިރު ޔުނައިޓެޑް މި އަންނަނީ ފަހަތުން އަރަމުން."

އެފްއޭ ކަޕާއި ކެޕިޓަލް ވަން ކަޕުން ޔުނައިޓެޑް ކަޓާފައިވާއިރު މޮއެސްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް މި ސީޒަންގައި މާކަ ރަނގަޅު ނަތީޖާ ތަކެއް ނެރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް އެޓީމުވަނީ އޮމާން ކަމާއެކު ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ.

ލީގު ތާވަލުގެ ހަތަރު ވަނައިގައި އޮތް ލިވަޕޫލަށްވުރެ ހަ ޕޮއިންޓް މަދުން ލިބި، ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ވެސް ބުރަމަސައްކަތްތަކެއް ޔުނައިޓެޑަށް ކުރަންޖެހިފައިވާއިރު އެ ކްލަބު ވަނީ 2001 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މިސީޒަންގައި ޖެހިޖެހިގެން ތިންބަލި ތަހައްމަލު ކުރަން ޖެހިފަ އެވެ.

"އަހަންނަށް ވަރަށް ދަތި އަދިވެސް ލީގުގެ ގަދަ ހަތަރެއް ކަނޑައަޅަށް. އެއީ އަހަންނަށް އުނދަގޫ ކަމަކަށް ވާނަމަ އަހަންނަށް އަދި މާ އުނދަގޫ ލީގު ކާމިޔާބުކުރާނީ ކޮންބައެއްކަން ކަނޑައަޅަން،" ޔުނައިޓެޑަށް އަދިވެސް ފުރުސަތު އޮތްކަން ހާމަކުރުމުގެ ގޮތުން ފާގަސަން ބުންޏެވެ.