ޗެލްސީގެ ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ 37 މިލިއަން ޕައުންޑަށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ނިންމާފައިވާކަން ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ކަށަވަރުކޮށްދީފި އެވެ.

މޮރީނިއޯ ބުނީ، މިދިޔަ ބުރާސްފަތި ދުވަހު މަޓާގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި ޔުނައިޓެޑުން ހުށަހެޅި 37 މިލިއަން ޕައުންޑުގެ އަގަށް ޗެލްސީއިން އެއްބަވެފައިވަނީ، މަޓާއަކީ މޮޅުކުޅުންތެރިއެއް ކަމަށްވާއިރު އޭނާއަށް އިހްތިރާމް ކުރަންޖެހޭތީ ކަމަށެވެ. އަދި ހުކުރުދުވަހު މެޑިކަލް ހެދުމަށް އޭނާ މެންޗެސްޓާއަށް ދާނެ ކަމަށެވެ.

"ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް. އަހަރެމެން ވާނީ ޔުނައިޓެޑަށް ގޮސް މެށޑިކަލް ހެދުމަށް ހުއާން އަށް ހުއްދަފީފައި،" މޮރީނިއޯ ބުންޏެވެ. "މިއީ ރަނގަޅު ހުށަހެޅުމެއްކަމުން އޭނާއަށް އެ ފުރުސަތުލިބެންޖެހޭ. އެހެންކަމުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އަހަރެމެން އޭނާއަށް ހުއްދަދިނީ."

މެންޗެސްޓާ ޔުނައިޓެޑުން އުމުރުން 25 އަހަރުގެ މަޓާ ގެންދާއިރު އޭނާއަކީ އެ ކްލަބަށް މިހާތަނަށް ގެންނަ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށް ވެގެންދާނެ އެވެ. އެ ކްލަބުން އެންމެ އަގުބޮޑުކޮށް މިހާތަނަށް ގެނެސްފައިވާ ކުޅުންތެރިޔަކީ 2008 ވަނަ އަހަރު 30 މިލިޔަން ޕައުންޑަށް ޓޮޓެންހަމް ހޮޓްސްޕާސްއިން ގެނައި ފޯވާޑް ޑިމިޓާ ބާބަޓޯފް އެވެ.

ޗެލްސީ އިން މަޓާ ދޫކޮށްލާއިރު މޮރީނިއޯ ވަނީ، 11 މިލިޔަން ޕައުންޑަށް އެޓީމާ ގުޅެން ނިންމާފައިވާ އެފްސީ ބަސެލްގެ މިސްރު މިޑްފީލްޑަރު މުހައްމަދު ސަލާހު ޗެލްސީގެ މެޑިކަލް ހަދައި އެއްބަސްވުންތައް ވެސް ވަރަށް އަވަހަ ނިންމާނޭ ކަމަށް ބުނެފަ އެވެ.

ސްޕެއިންގެ ވެލެންސިޔާއިން 25.5 މިލިޔަން ޕައުންޑަށް 2011 ވަނަ އަހަރު ޗެލްސީއާ ގުޅުނު މަޓާ ވަނީ ޗެލްސީގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ފާއިތުވީ ދެ އަހަރު ދުވަހު ވެސް ހޯދައިފަ އެވެ. އަދި އޭނާ ވަނީ އެ ކްލަބަށް 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި އެފަހަރުގެ އެފްއޭ ކަޕްގެ އިތުރުން ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.