އަންނަ މަހު މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ސ. ހުޅުދޫ ދާއިރާ އަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި އެ ޕާޓީގެ މެންބަރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ނިންމަވައިފި އެވެ.

"ސަން" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޑރ. ޑީޑީ ވިދާޅުވީ އޭނާ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމަށް ނިންމެވީ އެމްޑީޕީގެ ޗެއާޕާސަން އަދި ޕާޓީގެ އެހެން ވެސް ބޭފުޅުންނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

"އަޅުގަނޑު އަމިއްލަ ގޮތުން ވާދަކުރަން ނިންމުމުގެ ކުރިން ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާ މަޝްވަރާ ކުރިން. އެގޮތުން ޕާޓީގެ ޗެއާޕާސަން އާއި ވެސް މަޝްވަރާ ކުރިން. އެބޭފުޅުންގެ ވެސް އެއްވެސް މައްސަލައެއް ނެތް،" ޑރ. ޑީޑީ ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ އޭނާ އަމިއްލަ ގޮތުން ހުޅުދޫ ދާއިރާ އަށް ވާދަ ކުރެއްވުމަށް ނިންމެވުމުގެ ކުރިން މިހާރު އެ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އިލްޔާސް ލަބީބު އާ ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން އިލްޔާސް މީދޫ ދާއިރާ އަށް ވާދަ ކުރެއްވުމަށް ލަފާދެއްވި ކަމަށާއި އަދި ހުޅުދޫ ދާއިރާ އަށް ޑީޑީ ކުރިމަރިމަތި ލެއްވުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަތް ކަމަށް ޑީޑީ ވިދާޅުވި އެވެ. އެހެން ނަމަވެސް ޑީޑީ ވިދާޅުވީ އިލްޔާސް އާއި އޭނާ އާ ދެމެދު ކުރެއްވި މަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވުމުން އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވީ ކަމަށެވެ.

އޭނާ ވިދާޅުވީ އިލްޔާސް ލަބީބާ މަޝްވަރާ ކުރެއްވުމުގެ ބޭނުމަކީ އިލްޔާސް ލަބީބަކީ އާއިލީ ގޮތުން އޭނާއާ ގުޅުން އޮންނަ ބޭފުޅަކަށް ވާތީ އާއިލާ ތެރޭގައި މައްސަލަ ނުއުފެދޭނެ ގޮތަކަށް އަމަލު ކުރެއްވުމުގެ ބޭނުމުގައި ކަމަށެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމަށް ނިންމެވި ސަބަބުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑީޑީ. ވިދާޅުވީ އޭނާ އެ ނިންމުން ނިންމެވުމުގެ ކުރިން ދާއިރާގެ ވަރަށް ގިނަ ބަޔަކާ މަޝްވަރާ ކުރެއްވި ކަމަށާއި އަދި ގިނަ ރައްޔިތުން އެދެނީ އޭނާ އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ކަމަށް ޑީޑީ ވިދާޅުވި އެވެ.

ޑީޑީ އިތުރަށް ވިދާޅުވީ އޭނާ އަމިއްލަ ގޮތުން ވާދަ ކުރައްވައިގެން ގޮނޑި ކާމިޔާބުވެވަޑައިގެންފި ނަމަ މަޖިލީހުގައި ހަރަކާތްތެރި ވާނީ ވެސް މިނިވަން މެންބަރެއްގެ ގޮތުގައި ކަމަށެވެ.

ޑރ. ޑީޑީ އަކީ އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވަނިކޮށް އެ ޕާޓީގެ ގައުމީ މަޖިލީހުން އިތުބާތު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރަކަށް ހުންނެވުމަށް ފަހު މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭނާ އަލުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.