24 Jan 2014, 21:33
ޕާޓީގެ ބައެއް މެމްބަރުންގެ ނަން ވޯޓާސް ލިސްޓުގައި ނެތް ކަމަށް ބުނެ، ހަމަނުޖެހުން ބޮޑުވެގެން ހުއްޓާލި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ 11 ދާއިރާއެއްގައި އަލުން ވޯޓުލުން ފަށައިފި އެވެ.
ވޯޓުލުން އަލުން ފަށާފައިވާ 11 ދާއިރާތަކަކީ މާމިގިލީ ދާއިރާ އާއި މަހިބަދޫ ދާއިރާ އާއި ދ. މީދޫ ދާއިރާ އާއި ސ. މީދޫ ދާއިރާ އާއި ދުވާފަރު ދާއިރާ އާއި ހިތަދޫ އުތުރު ދާއިރާ އާއި ކުޅުދުއްފުށީ ދެކުނު ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި ބިލެތްދޫ ދާއިރާ އާއި ހުޅުދޫ ދާއިރާގެ އިތުރުން ތުޅާދޫ ދާއިރާ އެވެ. އެ ދާއިރާތަކަށް ނިސްބަތްވާ މީހުން މާލޭގައި ވޯޓުލާނީ ދަރުބާރުގޭގަ އެވެ.
އެ ދާއިރާތަކުގެ ވޯޓުލުން ކުރިއަށްދާނީ މިރޭ 9:30 ފެށިގެން 12:00 އަށެވެ. އަދި ހުއްޓިފައިވާ ދާއިރާތަކުގެ އިންތިހާބު ކުރިއަށްދާނީ މާދަމާ ހަވީރު 4:00 ރޭގަނޑު 11:00 އަށެވެ.
އެމްޑީޕީ މަޖިލިސް ޕްރައިމަރީއާ ގުޅޭ ގޮތުން އެ ޕާޓީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސުގައި އެ ޕާޓީގެ އެޑުވައިޒަރީ ކޮމެޓީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ވެބްސައިޓު ޕާޓީގެ މެމްބަރުން ކަމަށް ބުނެފައިވާ ކޮންމެ މީހަކަށް ދެން ވޯޓުލެވޭނެ ކަމަށެވެ. ޕާޓީގެ ވެބްސައިޓުގައި އެ މީހެއްގެ ނަންވާނަމަ ރަޖިސްޓްރީއަކާ ނުލައި ޕްރައިމަރީގައި ވޯޓު ލެވޭނެ އޭނާ ވިދާޅުވި އެވެ.
ހަމަނުޖެހުން ބޮޑުވި ދާއިރާތަކުގައި ވޯޓުލާ މީހުންނަށް ދޫކުރާ ވޯޓު ކަރުދާހުގައި ސެކިއުރިޓީ އާ ފީޗާސްތަކެއް ހުންނާނެ ކަމަށް އެޑުވައިޒަރީ ކޮމެޓީގެ މެމްބަރު އައިމިނަތު ޝައުނާ ވިދާޅުވި އެވެ. އެގޮތުން އެ ދާއިރާއެއްގެ ކޮންމެ ކެނޑިޑޭޓެއްގެ ސޮއި ވޯޓު ކަރުދާހުގައި ހުންނާނެ އެވެ. ވޯޓު ކަރުދާސް ސައްހަ ވާނީ އެ ދާއިރާއެއްގެ ޓިކެޓް ހޯދުމަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ސޮއި ވޯޓު ކަރުދާހުގައި ހުރުމުނެވެ.
އަލީ ނިޔާޒު ވިދާޅުވި ގޮތުގައި އިންތިހާބުހުއްޓޭނެ ވަރުގެ މައްސަލައެއް ދެން ކުރިމަތި ނުވާނެ އެވެ.