ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ބާސެލޯނާއަށް މިދިޔަ އަހަރު ގުޅުނު ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާގެ ޓްރާންސްފާ މައްސަލަ ބެލުމަށް ސްޕެއިންގެ ކޯޓަކުން އަމުރުކުރުމުން ބާސެލޯނާގެ ރައީސްގެ މަގާމުން ސެންޑްރޯ ރޮސެލް އިސްތިއުފާދީފި އެވެ.

ބާސެލޯނާގެ ރައީސްގެ މަގާމުން ރޮސެލް އިސްތިއުފާ ދީފައިވަނީ ނޭމާގެ ޓްރާސްފާ ފީއެއްގެ ގޮތުގައި ރިޕޯޓް ކޮށްފައިވާ އަދަދަށްވުރެ ބޮޑުކޮށް އެފީ ހަމަޖައްސާފައިވާ ކަމަށް ބުނެ ސެޕެއިންގެ އިންޓަނޭޝަލް ކޯޓަކަށް މައްސަލައެއް ވެއްދެމުންނެވެ.

ނަމަވެސް މިއަދު ބޭއްވި ބާސެލޯނަގެ ބޯޑް މީޓިން ނިންމާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ރޮސެލް ބުނީ ނޭމާގެ ޓްރާންސްފާގެ މައްސަލައިގައި ކަންތައް ކޮށްފައި އޮންނާނީ ރަނގަޅަށް ކަމަށެވެ. އަދި ބާސެލޯނާގެ ރައީސް ކަމުގައި ހުރެގެން ކްލަބަށް ހިދުމަތް ކުރުމަކީ ލިބިގެންދިޔަ ފަހުރެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

"އިސްތިއުފާ ދިނީ ކްލަބްގެ ބޯޑަށާއި މެނޭޖްމަންޓަށް އެކަމުގެ ސަބަބުން އައިސްދާނެ ނޭދެވޭ ހަމަލާތަކުންނާއި ބާސެލޯނާގެ ނަމަށް ހުތުރުވެދާނެތީ،" ރޮސެލް ބުންޏެވެ.

ބާސެލޯނާގެ ރައީސްގެ މަގާމަށް 2010 ވަނަ އަހަރު ހަވާލުވި ރޮސެލް އިސްތިއުފާ ދެއްވުމުން މިހާރު އެ ކްލަބު ހިންގަމާއި ހަވާލުވެފައިވަނީ އެ ކްލަބްގެ ނައިބް ރައީސް ޖޯސެފް މާރިއާ ބޯޓަމިއު އެވެ.

ބާސެލޯނާގެ ރައީސްގެ މަގާމުގައި ރޮސެލްހުރި ދުވަސްވަރު ބާސެލޯނާއިންވަނީ 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައިވާއިރު 2011 ވަނަ އަހަރު ސްޕެއިންގެ ލީގާއި ޔޫއެފްއާ ސުޕާ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕު ވަނީ އެ ކްލަބުން ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން ސުޕަކޮޕާ ޑި އެސްޕެނާ 2010 ވަނަ އަހަރުން ފެށިގެން ތިން ފަހަރު ހޯދާފައިވާއިރު ޕްރިމެރާ ޑިވިޝަންވަނީ ދެފަހަރަކު ހޯދާފަ އެވެ.