ފަނޑިޔާރުން ގޭގައި ތިއްބަވައިގެން މޯބައިލް ފޯން އެޕްލިކޭޝަނެއް މެދުވެރިކޮށް އަމުރު ނެރެދިނުމުގެ އިންތިޒާމެއް މިއަހަރުގެ ތެރޭގައި ހަމަޖައްސައިދޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވީ ފުލުހުންގެ ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު އުމަރު ވިދާޅުވީ ކުށްވެރިން ހައްޔަރުކުރުމަށާއި ތަނެއް ބަލައި ފާސްކުރުމަށް ފުލުހުން ބޭނުންވާ އަމުރު ނެރެދެއްވުމުގައި ކޯޓުގެ ފަނޑިޔާރުން މިހާރު އުޅުއްވަނީ ވަރަށް "ހާލުގައި" ކަމަށެވެ. އަދި އެކަމަށް ލުޔެއް ހޯދައި ދިނުމަށް ފަނޑިޔާރުންނަށް ފޯނުގެ ޒަރީއާ އިން އަމުރު ނެރެދިނުމުގެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުނގަޑުމެންގެ އަމާޒަކީ ފަނޑިޔާރުންގެ މޯބައިލް ފޯނުން ހާއްސަ އެޕެއް ބޭނުންކޮށްގެން ވޮރަންޓް އިޝޫ ކުރެވޭނެ ގޮތް ހަމަޖައްސައިދިނުން. އެކަން ނުވި ނަމަވެސް މިއަހަރު ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަނޑިޔާރުން ގޭގައި ތިއްބަވާފައި، ވޮރަންޓް އިޝޫކުރެވޭނެ ގޮތް ހަމަޖައްސާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

"ދަންވަރު ވަގުތުތަކުގައި އަޅުނގަޑުމެން ގޮވަންޖެހޭ ފަނޑިޔާރުންނަށް. އެކިއެކި މީހުން ހައްޔަރުކުރުމުގައާއި ތަންތަނަށް ވަނުމުގައި އަމުރު ނެރެދޭން. އަޅުނގަޑުމެންނަށް ފަނޑިޔާރުންނަށް ގޮވަންޖެހޭ. ފަނޑިޔާރުން ވަރަށް ހާލުގައި އުޅުއްވަނީ. ދަންވަރު ގެއިން ނުކުމެވަޑައިގެން ވިއްސާރަވެހޭ ދުވަސް ދުވަހު އެއް އަސްކަނި ދަށުން އަނެއް އަސްކަނި ދަށުން މިހެން މަޑުމަޑުން ކޯޓާއި ހަމައަށް ވަޑައިގެން މި ވޮރަންޓް އިޝޫ ކޮށްދޭންޖެހެނީ. އެއީ ވަރަށް ދަތިކަމެއް."

ރާއްޖޭގައި ފުލުހުންގެ އިންޓަލިޖެންސް ކުރިއަރާފައިވާ ކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވަނީ ފުލުހުންގެ އިންޓެލިޖެންސް ސާވިސް ކުރިއަށް އޮތްތަނުގައި އިތުރަށް ކުރިއެރުވުމަށް އިތުރު ސާމާނާއި ފައިސާ އެ ދާއިރާތަކަށް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އުމަރު ވިދާޅުވީ މާލެ އާއި ދޫނިދޫގައި ހުންނަ ކަސްޓޯޑިއަލް ތަކުން ކޯޓުތަކަށް ކުށްވެރިން އުފުލުމުގައި ގިނަ ދަތުރުތަކެއް ފުލުހުންގެ ވެހިކަލްތަކުގައި ކުރަންޖެހޭ ކަމަށާއި ވޭތުވެދިޔަ އަހަރު 11000 ދަތުރު އެގޮތަށް ކުރެވިފައިވާ ކަމަށެވެ. އަދި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ދަތުރުތައް މަދު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ކުށްވެރިޔާ ކޯޓަށް ނުގެނެސް ކޯޓުތަކާއި ކަސްޓޯޑިއަލްތަކާއި ދެމެދު ވީޑިއޯ ލިންކެއް ގާއިމް ކޮށް ޝަރީއަތްތައް ހިންގޭނެ އިންތިޒާމެއް ވަރަށް އަވަހަށް ގާއިމް ކުރައްވާނެ ކަމަށާއި އެ ވާހަކަތައް ކުށްވެރިން ހާޒިރުކުރާ ކޯޓުތަކާއި ޕީޖީ އާއި ވެސް ދެކެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މާލެ އާއި ދޫނިދޫގައި ހުންނަ ކަސްޓޯޑިއަލްތަކުން ސީދާ ކޯޓުތަކާއި އެކުގައި ވީޑިއޯ ލިންކޭޖެއް އެޅި، މުއްދަތު ޖެހުމަށާއި ޝަރީއަތްތައް ހިންގުން މި ކަންކަން ކުރެވިއްޖެއްޔާ ނުޖެހޭނެ އެ ދަތުރުތައް ކުރާ ކަށެއް. ކުށްވެރިއާ ހައްޔަރުކޮށްގެން ގެންދާނީ އަތޮޅުވެއްސަށް ނުވަތަ ދޫނިދޫ ކަސްޓޮޑީއަށް. ޝަރީއަތް ހިނގާނީ ވީޑިއޯ ލިންކަކުން ސީދާ ކްރިމިނަލް ކޯޓާއި ނުވަތަ ޑްރަގް ކޯޓާ ނުވަތަ އެހެންވެސް ކޯޓަކާއި އެކުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެކި މުއައްސަސާތަކުން އެކި މައްސަލަތަކުގައި ހޯދަމުންދާ މީހުން އެއް ސިސްޓަމެއްގެ ތެރޭގައި ބެލެހެއްޓިގެން އެއީ ހޯދާ މީހުންކަން އިނގޭނެ ނިޒާމެއް ގާއިމް ކުރެވިފައި ނުވާ ކަމަށާއި އެކަންވެސް މިއަހަރު ތެރޭގައި ގާއިމް ކުރައްވާނެ ކަމަށެވެ.

ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ވަރުގަދަ ކުރުމަށްޓަކައި ފުލުހުން އަބަދު އެއްތަނެއްގައި މަސައްކަތް ނުކޮށް އެއް ރަށުން އަނެއް ރަށަށް އެނބުރޭނެ ތަރުތީބެއް ގެންގުޅެންޖެހޭ ކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަން ވެސް އެގްޒެކެޓިވް ބޯޑަށް ލަފާ އަރުވާފައިވާ ކަމަށެވެ.