24 Jan 2014, 19:48
މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އައްޑޫ ސިޓީގެ ހިތަދޫ ދެ ގެއެއް ބަލައި ފާސްކުރުމުގައި ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާ ތަކެއްތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަސްތުވާތަކެތި ގެންގުޅޭ ކަމާއި އަދި އޭގެ ވިޔަފާރި ކުރާކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަންގައި ބަލައި ފާސްކުރީ ސ. ހިތަދޫ ދޮނަކުޅި ގެއާއި އެރަށު ޑިވައިންޓެސްޓްގެ ކަމަށެވެ.
ދޮނަކުޅިގެ ބަލައި ފާސްކުރުމުގައި އެގޭ ކޮޓަރިއެއްގެ ތެރޭގައި އޮތް ލެޕްޓޮޕް ދަބަހެއްގެ ތެރެއިން 127240ރ. އާއި އެހެން ކޮޓަރިއެއްގެ ތެރެއިން 51585ރ. އާއި، އަދި އެގެއިން ހައްޔަރު ކުރި މީހެއްގެ ވޮލެޓެއްގެ ތެރެއިން 53020ރ. އާއި އެކު ޖުމުލަ 231،845ރ. ފެނިފާވާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަންގައި ޑިވައިންޓެސްޓް ގޭތެރޭގައިން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ބައެއް ސާމާނުވެސް ފުލުހުންނަށް ފެނިފަ އެވެ. އަދި އެގެއާއި އިންވެގެންހުރި ގޭގެ ގޯތިތެރެއިން ވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން ފަސް މީހަކު ހައްޔަރުކުރި ކަމަށާއި އޭގެ ތެރެއިން ތިން މީހުން ހައްޔަރު ކޮށްފައިވަނީ، އެ ގޭތެރޭގައި ނިދާފައި ތިއްބައި ކަމަށެވެ.