14 Dec 2010, 09:00
ހޮޓެސްޓް ހެޑްސް އޮފް ސްޓޭޓް ވެބްސައިޓުން ހޮވާ އެންމެ ރީތި ވެރިންގެ ލިސްޓުގެ ގަދަ ދިހައެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހިމަނައިފި އެވެ.
އެސައިޓުގައިވާ އެންމެ ރީތި 217 ވެރިންގެ ލިސްޓުގައި ދުނިޔޭގެ އެންމެ ރީތި ވެރިޔަކަށް ހޮވާފައި ވަނީ ކެނެޑާގެ ގަވަރުނަރު މިޝެލް ޖޯން އެވެ. ދެވަނަ އަށް ހޮވިފައި ވަނީ ނޯވޭގެ ބޮޑުވަޒީރު ޔެންސް ސްޓޮލްޓެންބަގް އެވެ. ތިން ވަނަ އަށް ހޮވިފައި ވަނީ ބޫޓާންގެ ޒުވާން ރަސްގެފާނު ޖިމްޔޭ ޚޭސަރް ނަމްގިޔާލް ވަންޗުކްއެވެ.
އެލިސްޓުގެ 10 ވަނައަށް އެންމެ ރީތި ރައީސަކަށް ރާއްޖޭގެ ރައީސް ނަޝީދު ހޮވިވަޑައިގެންފައިވާއިރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހޮވިވަޑައިގެންފައި ވަނީ ރައީސް ނަޝީދަށް ވުރެ 3 ދަރަޖަ ފަހަތުން 13 ވަނަ އަށެވެ.
މިދިޔަ އަހަރުގެ ލިސްޓުގެ 14 ވަނައިގައި ރައީސް ނަޝީދު ހިމެނިވަޑައިގެންފައިވާ އިރު، ރައީސް ނަޝީދުގެ ފަހަތްޕުޅުން 15 ވަނައަށް ހޮވިވަޑައިގެންފައި ވަނީ އޮބާމާ އެވެ. އެ ލިސްޓުގެ އެންމެ ފުލުގައި ހިމެނިފައި ވަނީ ލީބިޔާގެ ލީޑަރު މުއައްމަރު އަލްގައްޒާފީ އެވެ.
ހޮޓެސްޓް ހެޑްސް އޮފް ސްޓޭޓް ވެބްސައިޓުން ބުނެފައިވާ ގޮތުގައި މިއީ ސައިންޓިފިކް ހަމަތަކުގެ މަތިން، މިނިވަންކަމާ އެކު ހޮވާފައިވާ ލިސްޓެކެވެ. ނަމަވެސް އެލިސްޓާމެދު ހިތްހަމަނުޖެހޭ ފަރާތެއްވާނަމަ އެސައިޓަށް އެކަން ބަޔާންކޮށް ފޮނުވުމަށްވެސް ވަނީ އެދިފަ އެވެ. އަދި ލިސްޓަށް ބަދަލެއް ގެންނަން ޖެހޭނެކަން ސާބިތު ކޮށްދީފިނަމަ ބަދަލު ގެންނާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ނަޝީދަށް ވަނީ ބައިނަލްއަގުވާމީ ތަފާތު އެވޯޑްތައް ލިބިވަޑައިގެންފަ އެވެ. އެގޮތުން ލިބިވަޑައިގެންފައިވާ ބައެއް އެވޯޑްތަކުގެ ތެރޭގައި 2009 ވަނަ އަހަރު ލިބިވަޑައިގެންފައިވާ އަނާލިންދާ އެވޯޑާއި، ޓައިމް މެގަޒިނުން ހޮވާ ހީރޯސް އޮފް އެންވައިރަންމަންޓް އެވޯޑާއި، އދ ގެ ޗެންޕިއަން އޮފް ދަ އާތް އެވޯޑާއި، ނިއުސް ވީކުން ހޮވާ ވޯލްޑް ޓެން ބެސްޓް ލީޑާސް އެވޯޑާއި، ފޮރިން ޕޮލިސީ މެގަޒިންނުން ހޮވާ ޓޮޕް ޓެން ގްލޯބަލް ތިންކާސް އެވޯޑް އަދި ވާރލްޑް ޓެކްނޮލޮޖީ ނެޓްވާރކްގެ ފަރާތުން ހޮވާ ވާރލްޑް ޓެކްނޮލޮޖީ އެވޯޑު ހިމެނެ އެވެ.