ގާހިރާ (ޖަނަވަރީ 24): މިސްރުގެ ވެރިރަށް ގާހިރާގައި ތިންބޮމެއް ގޮއްވާލުމުގެ ސަބަބުން ހަ މީހުން މަރުވެ 90 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

މިތިން ބޮމުގެ ތެރެއިން ފުރަތަމަ ބޮން ގޮއްވާލާފައި ވަނީ ގާހިރާގެ މެދުތެރޭގައިވާ އަމްނާބެހޭ މައި މަރުކަޒުގެ ދޮރުގެ ކުރިމަތީގަ އެވެ. މިބޮމަކީ ކާރުބޮމެއް ކަމަށާ އެބޮންގޮއްވާލާފައިވަނީ މީހަކު އަމިއްލައަށް މަރުވެގެންކަމަށް މިސްރުގެ ދާޚިލީ ވުޒާރާއިން ސިފަކުރެ އެވެ. މިބޮމުގެ ސަބަބުން ފަސް މީހުން މަރުވެ 76 މީހުން ޒަޚަމްވި އެވެ. ދެވަނަ ބޮން ގޮއްވާލާފައި ވަނީ ޖީޒާގެ އައްދުގާ ސަރަހައްދުގަ އެވެ. މިހާދިސާގައި އެކަކު މަރުވެ 16 މީހުން ޒަޚަމްވި އެވެ. މީގެ އިތުރުން ޖީޒާގެ އަލްހަރަމް އަވަށުގައި ވެސް ބޮމެއް ގޮއްވާލާފައިވެ އެވެ. މިބޮމުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
މިތިން ބޮން ގޮއްވާލާފައި ވަނީ މިސްރުގެ އިންގިލާބީ ވެރިކަމާ ދެކޮޅަށް މިއަދުގެ ހުކުރުނަމާދަށް ފަހު މުޒާހަރާކުރުމަށް އިދިކޮޅު އިޚްވާން ޖަމާއަތާއި އެނޫން އިދިކޮޅު ޖަމާއަތްތަކާއި ޕާޓީތަކުން ގޮވާލާފައިވަނިކޮށެވެ. ނަމަވެސް މުޒާހަރާތަކުގެ ކުރިން މިތިން ބޮއްގޮއްވާލުމާ ގުޅިގެން އިޚްވާން ޖަމާއަތާއި އިދިކޮޅު އެހެން ޕާޓީތަކުން ވަނީ މިކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އަދި މިބޮންތަކަކީ ރޭވުމެއްގެ ދަށުން މިސްރުގެ އިންގިލާބީ ސަރުކާރު އަޑީގައި އޮވެގެން އިޚްވާން ޖަމާއަތުގެ ބޮލުގައި އެޅުވުމަށްޓަކައި ހިންގަމުން ގެންދާ ޓެރަރިސްޓް ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ އަމަލެއް ކަމަށް ނަންހާމަކުރަން ނޭދޭ އިޚްވާނުންގެ ލީޑަރަކު ވަނީ ވިދާޅުވެފަ އެވެ. (އަލްޖަޒީރާ)