ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު ބަލައި ފާސްކުރި މ. ޒިލިއަންގޭ މައްސަލައާއި ގުޅުންހުރި އިތުރު ތަންތަން ބައިލަ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ "ވަގު ފައިސާ" ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ، މ. ޒިލިއަންގެ މައްސަލައާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި މ. ވައިޖެހޭގޭގައި ހަދާފައި ހުރި ގުދަނެއްގެ ތެރެއިން "ވަގު ޑޮލަރު" ބޮނޑި ތަކަކާއި "ވަގު ދިވެހި ފައިސާ" ބޮނޑިތަކެއްގެ އިތުރުން ތިން ފޫޓު ދިގު ކަނޑިތަކެއް ވެސް ފެނިފައިވާ ކަމަށެވެ.

މ. ޒިލިއަންގެ ބަލައި ފާސްކުރުމަށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި އެގޭގެ ތެރެއިން 140،000ރ. އާއި 11،000 ޑޮލަރު (169620 ރުފިޔާ) ފެނިފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެ އެވެ. އަދި އެގޭގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 200،000ރ. އަށް ވުރެ ގިނަވާނެ ކަމަށް ވެސް ފުލުހުންވަނީ ކުރިން ބުނެފަ އެވެ.

މި މައްސަލައިގައި ފުލުހުން ބަލައި ފާސްކުރަމުން ގެންދާ ތަންތަނުގެ ތެރެއިން މ. ސްނޯ ކިޔާ ގެއެއްގެ ގުދަނެއް ބަލައި ފާސްކުރުމުގައި އެތަނުން، ޒިލިއަންގެއިން ހައްޔަރު ކުރި މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ކަނޑިތަކެއް ވެސް ފުލުހުންނަށް ވަނީ ފެނިފަ އެވެ.