24 Jan 2014, 17:04
މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގުމުގެ ސަބަބުން މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ހުއްޓާލައިފި އެވެ.
މެންދުރު ފަހު 2:30 ގައި ފަށަން ހަމަޖެހިފައި އޮތް ވޯޓްލުން، އިދާރީ މައްސަލަތަކަކާހުރެ ފެށިގެން ދިޔައީ ވެސް ލަހުންނެވެ. ވޯޓްލުން ލަހުން ފެށިގެން ދިޔަ ސަބަބެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ވޯޓް ފޮށި ތައް ކައިރި ތިބޭ އޮފިޝަލުން ލަހުން އައުމާއި އަދި އެހެނިހެން އިދާރީ ސަބަބުގެ ތަކާހެދި ކަމަށެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އިންތިހާބުގެ އެޑުވައިޒަރީ ކޮމެޓީގެ އޮފިޝަލަކު ވިދާޅުވީ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ ހަމަނުޖެހުން އުފެދުނީ ވޯޓުލާ މީހުންގެ ލިސްޓާއި މެދުގައި ކަމަށެވެ. އެގޮތުން އެމްޑީޕީން އާންމު ކޮށްފައިވާ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓާއި ވޯޓް ފޮށިތައް ކައިރީ އޮތް ލިސްޓުގައި ތަފާތުތަކެއް ހުރުމުން ކަމަށެވެ.
"އަޅުގަނޑުމެން ވޯޓްލުން ހުއްޓާލީ މި ވޯޓުލާ މީހުންގެ ލިސްޓުގައި މައްސަލަ ތަކެއް ހުރުމުން. އެގޮތުން ޕާޓީން އާންމު ކޮށްފައިވާ ލިސްޓާއި ވޯޓް ފޮށި ތައް ކައިރީ އޮތް ލިސްޓާއި ވަރަށް ތަފާތު. ލިސްޓު ތަކަށް ވަނީ ބަދަލު ތަކެއް އައިސްފައި" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ވޯޓްލުން ކެންސަލް ކޮށް ހުއްޓާލިއިރު ބައެއް ދާއިރާތަކަށް މެންބަރުން ވޯޓްލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އިންތިހާބު ކެންސެލްކޮށް ހުއްޓާލުމުން މިހާރު ވޯޓްލާފައިވާ ވޯޓް ފޮށިތައް ވެސް ބާތިލްވީ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެންބަރުންގެ މެދުގައި ހަމަނުޖެހުން އުފެދުމުގެ ސަބުން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ މަޖިލިސް ޕްރައިމެރީގެ ވޯޓްލުން ހުއްޓާލީ ކަމަށެވެ. އަދި ދެން އެމްޑީޕީގެ މަޖިލިސް ޕްރައިމެރީގެ ވޯޓްލުން ބާއްވާނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި މަޝްވަރާ ކުރުމަށް ފަހު ލިސްޓު ތަކުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ފަހުގައި ކަމަށެވެ. އަދި ވިދާޅުވީ ދެން އިންތިހާބު ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ވޯޓު ލުން ކެންސަލް ކޮށް ހުއްޓާލިކަން އިއުލާން ކޮށްފައި ވަނީ ޕާޓީގެ ޗެއާޕާސަން ރީކޯމޫސާ މަނިކު އެވެ.
އިންތިހާބު ކެންސެލް ކުރިކަން މޫސަ އިއުލާން ކުރުމުން ދަރުބާރުގޭގައި ތިބި ބައެއް މެންބަރުން ނުރުހުން ފާޅުކޮށް ޕާޓީގެ ޗެއާޕާސަން ކަމުން މޫސަ އިސްތިއުފާ ދިނުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.