މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ބައެއް ދާއިރާތަކުގައި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިދާނެ ކަމަށް ދައްކައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރެއް ބައެއް ދާއިރާތަކުގައި ބާއްވަން ޖެހިދާނެ ކަމަށް ދައްކަނީ އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އިއުލާން ކޮށްފައިވާ ބައެއް ދާއިރާތަކުގެ ވަގުތީ ނަތީޖާއިންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު "ސަން" އަށް ވިދާޅުވީ އެއްވެސް ދާއިރާއެއްގައި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ދެވަނަ ބުރުގައި ވާދަކުރާނީ އެންމެ ފަހަތަށްދާ ދެ ކެންޑިޑޭޓުން ކަމަށެވެ.

އޭނާ ވިދާޅުވީ 2011 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެސް ބައެއް ދާއިރާތަކުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނު ކަމަށެވެ. އެހެން ކަމުން މިފަހަރު ވެސް ބައެއް ދާއިރާތަކުގެ ދެވަނަ ބުރެއް ބާއްވަން ޖެހިދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ މިހާތަނަށް އިއުލާން ކުރެވިފައި ވަނީ ބައެއް ދާއިރާތަކުގެ ވަގުތީ ނަތީޖާ ކަމަށް ވާތީ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ބާއްވަން ޖެހޭނީ ކޮންދާއިރާތަކެއްގައި ކަމެއް ދަންނަވަން ނޭނގޭ ކަމަށެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހޭކަން ނުވަތަ ނޫންކަން އަދި ދާއިރާ ތައް ސާފް ވާނީ ރަސްމީ ނަތީޖާ އިއުލާން ކުރެވުމުން ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރެއް ދާއިރާއެއްގައި ބާއްވަން ޖެހިއްޖެ ނަމަ އެ އިންތިހާބެއް ބާއްވާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން ކަމަށެވެ. އަދި ދެވަނަ ބުރަކަށްދާ ކެންޑިޑޭޓުންނަށް ކެންޕޭން ކުރުމަށްޓަކައި ވަގުތު ދެއްވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

ރާއްޖޭގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މިފަހަރު ރަށު ކައުންސިލް އާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް ތަކަށް މުޅި ޖުމްލަ 2463 ކެންޑިޑޭޓުން ވަނީ ވާދަކޮށްފަ އެވެ.