އިދާރީ މައްސަލަ ތަކެއް ދިމާވުމުގެ ސަބަބުން ލަސްވި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމެރީގެ ވޯޓުލުން މިހާރު ފަށާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ މިހާރު ހުރިހައި ދާއިރާއެއްގައި ވެސް ވޯޓް ލުން ފެށިގެން ކުރިއަށްދާ ކަމަށެވެ.

މާލޭގައި އެމްޑީޕީގެ ވޯޓުލުން ކުރިއަށްދާ ދަރުބާރުގޭގައި ހުންނެވި އޮފިޝަލް ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ މީހުން ވޯޓް ލުމަށް އައިސްފައިވާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ތަނެއްގައި ހަމަނުޖެހުމެއް ހިގާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕްރައިމަރީގެ ވޯޓުލުން މިރޭ 8:00 އާ ހަމައަށް މާލެ ހިމެނޭ ގޮތަށް 133 ރަށެއްގައި ކުރިއަށް ދާނެ އެވެ. ވޯޓުލުން ނިމުމާއެކު ވޯޓު ގުނައި އެ ދާއިރާއެއްގެ ނަތީޖާ ވަގުތުން އިއުލާންކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ. ވޯޓުލުން ކުރިއަށް ގެންދަނީ ދަރުބާރުގޭގެ އިތުރުން ރަށްރަށުގައި ހުރި އެމްޑީޕީގެ ހަރުގެތަކުގަ އެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމެރީ މިއަދު ފަށާފައިވާއިރު މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް ވާދަކުރުމަށް ޓަކައި ޕްރައިމެރީއަކާއި ނުލައި 22 ކެންޑިޑޭޓަކަށް ވަނީ ޕާޓީގެ ޓިކެޓް ދީފަ އެވެ.

އެމްޑީޕީން ބުނެފައި ވަނީ މާލޭގެ ތިން ދާއިރާއަކަށް ޕާޓީގެ ފަރާތުން ވާދަކުރާނެ ތިން ކެންޑިޑޭޓަކު ހޮވިފައި ވާތީ ޕްރައިމަރީ ބާއްވާނީ މާލޭގެ 10 ދާއިރާއަކަށް ކަމަށެވެ. އަންނަ މަހުގެ 24 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި 10 ދާއިރާއަކަށް 30 ކެންޑިޑޭޓަކު ވާދަ ކުރެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ހެންވޭރު މެދު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމަށް ވަނީ ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ މަޖިލިސް ޓިކެޓްލިބިފަ އެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީއަކަށް ނުގޮސް ޓިކެޓް ކަށަވަރުކުރި ކެންޑިޑޭޓުންގެ ތެރޭގައި މަޖިލީހުގެ މިހާރު ތިއްބެވި ހަތް ބޭފުޅަކު ހިމެނޭ ކަމަށެވެ. އެއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަބޯ) އާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު (އަލިބެ) އަށެވެ. އަލިބެ މަޖިލީހުގައި ވެލިދޫ ދާއިރާ ތަމްސީލު ކުރެއްވިނަމަވެސް އެމަނިކުފާނު ކުރިމަތިލައްވަނީ ހޮޅުދޫ ދާއިރާއަށެވެ. އެ ދާއިރާއަށް އިތުރު މީހަކު ވާދަ ނުކުރުމުން އޭނާއަށް ވަނީ އެ ދާއިރާގެ އެމްޑީޕީ ޓިކެޓް ލިބިވަޑައިގެންފަ އެވެ.

އެމްޑީޕީން ބުނީ މިފަހަރުގެ ޕްރައިމަރީގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރަށްވަނީ ފޭދޫ ދާއިރާއަށް ކަމަށެވެ. އެ ދާއިރާއަށް ނުވަ ފަރާތަކުން ކުރިމަތިލާފައިވެ އެވެ.