ހުއްދަ ނުނަގާ ރާއްޖޭގެ ކަނޑު ހުރަސްކުރުމުގެ ފުރުސަތު ލަންކާގެ މަސްބޯޓުތަކަށް ދިނުމަށް ލަންކާއިން އެދުނު ނަމަވެސް އެކަން ކުރެވޭނީ ރާއްޖޭގެ ކަނޑުތަކާއި ގުޅޭ ގާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ ނޫސްވެރިންނާއި ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން ނަގަން ޖެހޭ ހުއްދަ ނުނަގާ ލަންކާ މަސްބޯޓުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ފުރުސަތު ވަގުތުން ވަގުތަށް ދެވެން ނޯންނާނެ ކަމަށެވެ. އަދި އެ ވާހަކަ ލަންކާ ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް އެމަނިކުފާނު ދެންނެވި ކަމަށާއި އަދި އެކަން އެ ފަރާތުން ގަބޫލު ކޮށްފައިވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން ރާއްޖެއާއި ލަންކާއާއި ދެމެދު އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނުގައި މަޝްވަރާތައް ކުރެވޭނެ ކަމަށެ އެވެ. އަދި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ ކުރިން، ދިވެހި މަސްވެރިންންގެ ހިޔާލު ހޯދުމުގެ އިތުރުން އެކަމާއި ގުޅޭ ދިރާސާތަކެއް ކުރާނެ ކަމަށްވެސް ޔާމިން ވިދާޅުވި އެވެ.

"މިހާރު ގާނޫނުތައް އޮތް ގޮތުން ސަރުކާރަށް މި ވަގުތަކު މިހާރުން މިހާރަށް ކޮށްދެވޭނެ ކަމެއް ނެތް. އެހެނެއް ނޫން. އަޅުގަނޑުމެން ދިރާސާ ތަކެއް ކޮށްގައި މަސްވެރިންނާއި މަޝްވަރާކޮށްފަ ކުރާ ދިރާސާ ތަކެއް ކޮށްފައި ބަދަލުތަކެއް ގެނަން ޖެހުން އެއީ އެހެން ކަމެއް. އެކަމު އެއީވެސް ގާނޫނަށް ބަދަލުގެނެސްފަ، " ރައީސް ވިދާޅުވި އެވެ.

ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ލަންކާގެ މަސްވެރިންނަށް ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރު ކުރުމުގެ ހުއްދަ ޔޫއެންގެ ކަނޑުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ދިނުމަށް ލަންކާގެ ފިޝަރީޒް މިނިސްޓަރީން ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަރިހުން އެދިވަޑައިގެންފައި ކަމަށް ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

ލަންކާގެ މަސްވެރިންނަށް ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރު ކުރުމުގެ ހުއްދަ ރާއްޖޭގެ ސަރުކާރުން ދިން ކަމުގައިވީ ނަމަވެސް ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ރާއްޖޭގެ ކަނޑުން މަސްވެރިކަން ކުރުމުގެ ހަރަކާތެއް ނުހިންގާނެ ކަމަށް ލަންކާގެ ސަރުކަރުން ރާއްޖެއަށް ޔަގީންކަން ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.