24 Jan 2014, 15:27
މިދިޔަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައިސިލް އިންތިހާބުގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓްތައް ނުފެނިގެން ނުވަ ސިޓީއުރައެއް ކަނޑައި ބަލައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ސަން އަށް ވިދާޅުވީ ރޭ ވެސް ނުވަ ސިޓީއުރައެއް ކަނޑައި ނަތީޖާ ޝީޓް ހޯދުމުގެ މަސައްކަތްކުރެއްވި ކަމަށެވެ. ނަމަވެސް ކެނޑި ސިޓީއުރައެއްގެ ތެރެއިން އެއްވެސް ނަތީޖާ ޝީޓެއް ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅެއް ނުވެ އެވެ.
ފުއާދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު އިންތިޒާމުކޮށްފައި ވަނީ ކޮންމެ ތާކު ހުންނަ މީހަށް ވެސް ވޯޓު ލެވޭ ގޮތަށް ކަމުން ޖުމްލަ 17،100 އަށް ވުރެ ގިނަ ނަތީޖާ ޝީޓް ތައްޔާރުކުރަން ޖެހުނު ކަމަށެވެ.
ކޮމިޝަންގެ ރައީސް ވިދާޅުވީ ބައެއް ވޯޓު ފޮށިތައް ބެލެހެއްޓެވި އޮފިޝަލުން ޝީޓްތައް ތައްޔާރުކުރި އިރު ސުން ވޯޓު ލިބިފައިވާ ޝީޓްތައް ތައްޔާރުނުކޮށް ހުރެދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ނަމަވެސް އެކަން ޔަގީން ކުރުމަށް ބަރާވަރަށް ޝީޓްތައް ނެތް ފޮށިތަކުގެ އުރަތައް ކެންޑިޑޭޓުންނާއި މަންދޫބުންގެ ހާޒިރުގައި ކަނޑައި ބަލަމުން އަންނަ ކަމަށެވެ.
ކޮމިޝަނުން ބުނީ ބައެއް ދާއިރާތަކުގެ ފޮށިތަކުގައި 200 އަށް ވުރެ ގިނަ ދާއިރާގެ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އެއިން ކޮންމެ ދާއިރާއަކަށް ކޮންމެ ފޮއްޓަކުން ނަތީޖާ ޝީޓްތައް ތައްޔާރުކުރަން ޖެހޭ ކަމަށެވެ.