24 Jan 2014, 15:21
މިއަދު މެންދު ފަހު 2:30ގައި ފެށުމަށް ހަމަޖެހިފައި އޮތް އެމްޑީޕީގެ މަޖިލިސް ޕްރައިމެރީ، އިދާރީ މައްސަލަތައް ދިމާވުމުގެ ސަބަބުން ވޯޓުލުން ލަސްވެއްޖެ އެވެ.
"ސަން އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ވޯޓް ލުން ނުފެށި ލަސްވަމުން ދަނީ ބައެއް ވޯޓް ފޮށިތައް ކައިރީ ތިބެން ޖެހޭ އޮފިޝަލުން އައިސްފައި ނުވާތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމެރީ މިއަދު ފަށަން ހަމަޖެހިފައިވާ އިރު މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް ވާދަކުރުމަށް ޓަކައި ޕްރައިމެރީއަކާއި ނުލައި 22 ކެންޑިޑޭޓަކަށް ވަނީ ޕާޓީގެ ޓިކެޓް ލިބިފަ އެވެ.
އެމްޑީޕީން ބުނެފައި ވަނީ މާލޭގެ ތިން ދާއިރާއަކަށް ޕާޓީގެ ފަރާތުން ވާދަކުރާނެ ތިން ކެންޑިޑޭޓަކު ހޮވިފައި ވާތީ ޕްރައިމަރީ ބާއްވާނީ މާލޭގެ 10 ދާއިރާއަކަށް ކަމަށެވެ. އަންނަ މަހުގެ 24 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި 10 ދާއިރާއަކަށް 30 ކެންޑިޑޭޓަކު ވާދަ ކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ތިން ގޮނޑިއަކަށް އެމްޑީޕީގެ ފަރާތުން ހަމައެކަނި ވާދަކުރެއްވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ހެންވޭރު މެދު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމަށް ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ މަޖިލިސް ޓިކެޓް ވަނީ ލިބިފަ އެވެ.
އެމްޑީޕީން ބުނީ ޕްރައިމަރީއަކަށް ނުގޮސް ޓިކެޓް ކަށަވަރުކުރި ކެންޑިޑޭޓުންގެ ތެރޭގައި މަޖިލީހުގެ މިހާރު ތިއްބެވި ހަތް ބޭފުޅަކު ހިމެނެ އެވެ. އެއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަބޯ) އާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު (އަލިބެ) އަށެވެ. އަލިބެ މަޖިލީހުގައި ވެލިދޫ ދާއިރާ ތަމްސީލު ކުރެއްވިނަމަވެސް އެމަނިކުފާނު ކުރިމަތިލައްވަނީ ހޮޅުދޫ ދާއިރާއަށެވެ. އެ ދާއިރާއަށް އިތުރު މީހަކު ވާދަ ނުކުރުމުން އޭނާއަށް ވަނީ އެ ދާއިރާގެ އެމްޑީޕީ ޓިކެޓް ލިބިވަޑައިގެންފަ އެވެ.
އެމްޑީޕީން ބުނީ މިފަހަރުގެ ޕްރައިމަރީގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރައް ވަނީ ފޭދޫ ދާއިރާއަށް ކަމަށެވެ. އެ ދާއިރާއަށް ނުވަ ފަރާތަކުން ކުރިމަތިލާފައިވެ އެވެ.