ކަލްކަތާ (ޖަނަވަރީ 24) : އިންޑިޔާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ވެސްޓް ބެންގޯލްގައި 20 އަހަރުގެ އަންހެނަކު ރޭޕްކުރި ޖަރީމާގައި ބައިވެރިވިކަމުގެ ތުހުމަތުގައި 13 ފިރިހެނުން އެސްޓޭޓްގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ވެސްޓް ބެންގޯލްގެ ފުލުހުން ބުނާގޮތުން އެސްޓޭޓްގެ ރަށްފުށުގެ ވިލެޖް ސަރަހައްދެއްގައި މިޖަރީމާ ހިންގާފައި ވަނީ 20 އަހަރުގެ އަންހެންމީހާ ނިސްބަތްވާ ގަބީލާގެ އާދަކާދައާ އޭނާ ޚިލާފުވުމުން އޭނާ ރޭޕްކުރުމަށް ގަބީލާގެ އިސްވެރިޔާ ކުރިއަމުރެއްގެ ދަށުންނެވެ. ވިހި އަހަރުގެ އަންހެންމީހާ، ގަބީލާތަކުގެ އާދަކާދައާ ޚިލާފުވީ އެހެން ގަބީލާއަކަށް ނިސްބަތްވާ ފިރިހެނަކާ ލޯބީގެ ގުޅުންތަކެއް ހިންގުމުގެ ސަބަބުން ކަމަށްވެ އެވެ. ވެސްޓް ބެންގޯލްގެ ރަށްފުށުގެ ސަރަހައްދުތަކަކީ ގަބީލާތަކުގެ އުސޫލުތައް ވަރަށް ބޮޑަށް ހިނގާ ސަރަހައްދުތަކެކެވެ. ގަބީލާތަކުގެ އުސޫލުތައް އޮންނަ ގޮތުން ގަބީލާތަކަށް ނިސްބަތްވާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކަށް ވެސް ގޮތްކިޔުމާއި އެކަންތައް ނިންމުމުގެ ބާރާއި އިޚްތިޔާރު އޮންނަނީ ގަބީލާގެ ބޮޑުމީހާ ނުވަތަ އިސްވެރިޔާ އަށެވެ.

މިޖަރީމާއާ ގުޅިގެން އިންޑިޔާގެ އިންފޮމޭޝަން މިނިސްޓަރު މަނިޝް ތިވާރީ ވިދާޅުވީ އިންޑިޔާއަކީ ގާނޫނުގެ ބާރުހިނގާ ދިމުގްރާތީ ދައުލަތެއް ކަމަށާއި ގަބީލާތަކުގެ ވެރިންނަށް އެމީހުންގެ އަމިއްލަ ވެރިކަން ގަބީލާތަކުގައި ވެސް ކުރުމުގެ ފުރްސަތު ނުދެވޭނެ ކަމުގަ އެވެ. މިގޮތުން ގަބީލާތަކުގެ ވެރިންނަށް ވެސް އެގަބީލާތަކަށް ނިސްބަތްވާ ފަރާތްތަކަށް ބާރު ފޯރުވޭނީ ގާނޫނާ އެއްގޮތަށް ކަމަށާ ގަބީލާ ތަކުގެ ވެރިންވެސް ތިބެންޖެހޭނީ ގާނޫނުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ވިހި އަހަރުގެ އަންހެން މީހާ ރޭޕްކުރުމަށް އަމުރުކުރި ކަމަށް ވަނީ އޭނާ އަށް އަދަބު ދިނުމުގެ ގޮތުން އޭނާގެ ގަބީލާގެ އެންމެ އިސްވެރިޔާ އެވެ. އެގަބީލާގެ އިސްވެރިޔާ ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހައްޔަކޮށްފައިވާ އިރު އޭނާ ޝަރީޢަތުގެ ކުރިމައްޗަށް ވަރަށް އަވަހަށް ހާޒިރުކުރާނެ ކަމަށް ވެސްޓް ބެންގޯލްގެ ފުލުހުންބުނެ އެވެ. އަދި ރޭޕްކޮށްލެވުނު އަންހެންމީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދާ އިރު އޭނާ އަށް ޖިސްމާނީ އެތައް އަނިޔާއެއް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. (ބީބީސީ)