ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބަންޑާރަ ނައިބަކަށް ޑރ. އަހްމަދު އަލީ ސަވާދު އަލުން އައްޔަންކުރެއްވުމާ ގުޅިގެން ބަންޑާރަ ނައިބު އޮފީހުން ފޮނުވާ މައްސަލަތައް ސިވިލް ކޯޓުގައި ބަލަން ފަށައިފި އެވެ.


ދައުލަތަށް ދައުވާ ލިބޭ އަދި ދައުލަތުން ދައުވާކުރާ މައްސަލަތައް މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔުން ހުއްޓާލާފައި ވަނީ، އޭރު ވެސް ބަންޑާރަ ނައިބަކަށް ހުންނެވި ޑރ. ސަވާދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައި ނުވާތީ އެވެ. ނަމަވެސް، އެ މަގާމަށް ރައީސް ވަނީ މީގެ ދެ ދުވަސް ކުރިން އަނެއްކާ ވެސް ސަވާދު އައްޔަންކުރައްވައިފަ އެވެ.


ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ސަމީރު މިއަދު ވިދާޅުވީ، ސިވިލް ކޯޓުގައި ބަންޑާރާ ނައިބު އޮފީހުގެ މައްސަލަތައް ބަލަން ފަށާ ގޮތަށް ހަމަޖައްސާފައި ވަނީ، ކޯޓުގެ ގާޒީންގެ އާއްމު މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކުރުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އަޣުލިއްބަތު ލިބުނު ގޮތުގެ ތަފުސީލު ކޯޓަކުން ނުބުންޏެވެ.


ސިވިލް ކޯޓުން މައްސަލަތައް ބެލުން ހުއްޓާލި ނަމަވެސް، އެހެން އެއްވެސް ކޯޓެއްގައި ބަންޑާރަ ނައިބު އޮފީހުގެ މައްސަލަތައް ބެލުން މަޑުޖައްސާލައިފައެއް ނުވެ އެވެ.