24 Jan 2014, 14:03
މިދިޔަ އަހަރުގެ އޮކްޓޫބަރު ފަހަކުން ނޮވެމްބަރު މަހުގެ 19 އަށް ކުރިއަށް ގެންދިޔަ ކެމްބްރިޖް އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ)ގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބު (ޝަކީބުބެ)ސަން އަށް މިއަދު ވިދާޅުވީ، އޯލެވެލް އިމްތިހާނުގެ ނަތީޖާ، އިނގިރޭސި ވިލާތުގެ ގަޑިން މިއަދު ހެނދުނު 6:00ގައި (ރާއްޖޭ ގަޑިން 11:00ގައި) އިމްތިހާނުގައި ދަރިވަރުން ބައިވެރިކުރި ސެންޓަރުތަކަށް ކެމްބްރިޖް ވެބްސައިޓް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށެވެ.
"ކެމްބްރިޖުން ނަތީޖާތައް ފޮނުވާނީ، އެ ކުދިން ބައިވެރިވި ސެންޓަރުތަކަށް. ދެން އެ ސެންޓަރުތައް މެދުވެރިކޮށް ދަރިވަރުންނަށް ނަތީޖާތައް ފޯރުކޮށްދޭނީ،" ޝަކީބުބެ ވިދާޅުވި އެވެ.
އޯލެވްލް އިމްތިހާނުގައި މިފަހަރު، ރާއްޖޭގެ ހުރިހާ ސްކޫލްތަކުންހެން ބައިވެރިވެފައިވާއިރު މިފަހަރުގެ އިމްތިހާނު ރާއްޖޭގެ 8،280 ދަރިވަރުންވަނީ ފުރިހަމަކޮށްފަ އެވެ.
ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި އޯލެވެލް އިމްތިހާނުގެ ނަތީޖާ، ދަރިވަރުންނާ ހަމައަށް މިއަދުގެ ވަގުތެއްގައި ފޯރުވައިދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަން އަށް އެނގިފައިވާގޮތުގައި އަމީނިއްޔާ ސްކޫލުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނަށް މިއަދު 2:00އިން ފެށިގެން ނަތީޖާ ލިބޭނެ އެވެ.
"އަމީނިއްޔާ އިން އޯލެވެލްގައި މިފަހަރު ބައިވެރިވި ދަރިވަރުންގެ ނަތީޖާ، މިއަދު 2:00އިން ފެށިގެން ސްކޫލުން ލިބޭނެ. އަޅުގަނޑުމެން މިގެންދަނީ، ކުދިން ސްކޫލަށް އައުމުން ނަތީޖާ އެކުދިންނަށް ފޯރުކޮށްދެމުން. ދެން ސްކޫލަށް ގުޅާލާފައި ދަރިވަރުގެ ކެންޑިޑޭޓް ނަމްބަރު ބުނެލުމުންވެސް އަޅުގަނޑުމެން ނަތީޖާ ބުނެދޭނަން،" އަމީނިއްޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އާމިނަތު ޝަރަފިއްޔާ ވިދާޅުވި އެވެ.
މީގެ އިތުރުން ޖަމާލުއްދީން ސްކޫލުން ވެސް 2:00ގައި ނަތީޖާ ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިސްކަންދަރު ސްކޫލާއި ކަލާފާނު ސްކޫލްގެ ދަރިވަރުންގެ ނަތީޖާ މިއަދު މެންދުރުފަހު 3:00 އިން ފެށިގެން ދޫކުރަންފަށާއިރު ތާޖުއްދީން ސްކޫލްގެ ނަތީޖާ ދޫކުރާނީ މިއަދު ހަވީރު 5:00 އިން ފެށިގެންނެވެ.
ރާއްޖޭގެ އެތައް ހާސް ކިޔަވާކުދިންނެއް 10 އަހަރު ދުވަސްވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ މިއަދު ލިބޭއިރު ހަމަ ގައިމުވެސް އެކުދިންގެ އިތުރުން އެކުދިންގެ ބެލެނިވެރިންނާއި މުދައްރިސުންނާއި ސްކޫލުތަކުން ވެސް ދަރިވަރުންގެ ފަރާތުން ރަނގަޅު ނަތީޖާއަކަށް އުންމީދު ކުރާނެ އެވެ.
"އަޅުގަނޑުމެން ސްކޫލުން އޯލެވެލް އިމްތިހާނުގައި ބައިވެރިވި މިއީ ފުރަތަމަ ފަހަރު. ނަތީޖާއާ ދޭތެރޭގައި ދަންނަވާނީ މި ސްކޫލުން އިމްތިހާނުގައި ބައިވެރިވި ކުދިންގެ އޯވަރޯލް ނަތީޖާ ވަރަށް ރަނގަޅޭ،" ތާޖުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޝަރުމާ ނަސީރު ވިދާޅުވި އެވެ.
މިފަހަރުގެ ސާނަވީ އިމްތިހާނުގައި ރާއްޖޭގެ 196 ސްކޫލެއްގައި އިމްތިހާން ހަދާފައިވާއިރު އަމިއްލަ ގޮތުން 54 ސެންޓަރެއްގައި ވަނީ މި އިމްތިހާނުގައި ދަރިވަރުން ބައިވެރިކޮށްފަ އެވެ. އަދި މާލޭގައި ސާނަވީއަށް ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި މިފަހަރުގެ އިމްތިހާނު ހަދާފައިވާއިރު އޭގެތެރޭގައި މުޅިން އަލަށް މި އިމްތިހާނުގައި ބައިވެރިވެފައިވަނީ، ކަލާފާނު ސްކޫލާއި ތާޖުއްދީން ސްކޫލާއި، އިސްކަންދަރު ސްކޫލްގެ އިތުރުން ޖަމާލުއްދީން ސްކޫލުންނެވެ.