24 Jan 2014, 12:09
ސިންގަޕޫރުގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ޓައިގާއެއާގެ ސީދާ ދަތުރުތައް ރަސްމީކޮށް މިއަދު ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ފަށައިފި އެވެ.
ޓައިގާ އެއާގެ ފުރަމަ ޑައިރެކްޓް ފްލައިޓް TR2502، އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އަށް ޖައްސާފައިވަނީ މިއަދު 11:25ގަ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖާ ކޯޕޮރޭޓް ކޮމިއުނިކޭޝަން، ހަސަން އަރީފް މިއަދު ސަށް އަށް ވިދާޅުވީ ޓައިގާއެއާގެ ފުރަތަމަ ދަތުރުގައި ބޭނުންކޮށްފައިވަނީ 180 މީހުންގެ ޖާގައިގެ އެއާބަސް A320 މަރުކާގެ ބޯޓެއް ކަމަށެވެ. އަދި މި ބޯޓުން 153 ފަސިންޖަރުން މިއަދު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.
ޓައިގާ އެއާ އިން ކުރިން ބުނެފައިވަނީ، ޖެނުއަރީ 24ގައި އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާއި ސިންގަޕޫރާއި ރާއްޖެއާ ދެމެދު ހަފްތާއަކު ހަތަރު ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ސިންގަޕޫރާއި މާލެއާ ދެމެދު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ، ކޮންމެ ހަފުތާއެއްގެ އާދީއްތަ، ހޯމަ، ބުދަ، އަދި ހުކުރު ދުވަހުގެ އެވެ.
ސިންގަޕޫރާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ކުރާ ހަމައެކަނި އެއާލައިނަކަށް މީގެ ކުރިން އޮތީ ސިންގަޕޫރުގެ ގައުމީ އެއާލައިން ސިންގަޕޯ އެއާލައިންސް އެކަންޏެވެ. އެހެން ނަމަވެސް ޓައިގާގެ އަގުހެޔޮ ދަތުރު ތަކާއެކު ހެޔޮއަގުގައި ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދަތުރުކުރަން ބޭނުންވާ ދަތުރުވެރިންނާއި ފަތުރުވެރިންނަށް އިތުރު ލުއިގޮތްތަކެއް ހުޅުވިގެންދާނެ އެވެ.
ޓައިގާއެއާ އަކީ މިހާރު ރާއްޖެއަށް ދަތުރުތައް ކުރަމުން ގެންދާ ތިން ވަނަ ބަޖެޓް އެއާލައިން އެވެ. އެގޮތުން ރާއްޖެއަށް ދަތުރުކުރާ ބަޖެޓް އެއާލައިންތަކުގެ ތެރޭގައި މެލޭޝިއާގެ ލޯކޯސްޓް ކެރިއަރެއް ކަމަށްވާ އެއާ އޭޝިއާ އެކްސް އާއި ދުބާއީގެ ބަޖެޓް އެއާލައިންއެއް ކަމަށްވާ ފްލައިދުބާއީ ވެސް ހިމެނެއެވެ.