ރާއްޖޭގައި ހުންނަ ސްރީލަންކާ އެމްބަސީގެ އިމާރާތް އެޅުމަށް މާލެއިން ބިމެއްދޭން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ލަންކާގެ ރައީސްގެ ދައުވަތަކަށް އެގައުމަށް ރައީސް ޔާމީން ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން، އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ރޭ ހަބަރުފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެގައުމުގެ ދެމެދުގައި އުފެދިފައިމިވާ ގާތް ގުޅުމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، މާލޭގައި ހުންނަ ސްރީލަންކާ އެމްބަސީއަށް މާލެއިން ބިންކޮޅެއް ހަމަޖައްސަވައިދެއްވުމަށް ނިންމަވާފައިވާކަމަށެވެ.

ސްރީލަންކާއަކީ ރާއްޖެއާ އެންމެ ގާތް އަވަށްޓެރި ގައުއުމުކަން ފާހަގަކުރައްވަމުން، ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ހުންނަ ސްރީލަންކާގެ އެމްބަސީއަށް މާލެއިން ބިމެއް ދިނުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށެވެ.

ލަންކާގެ އެމްބަސީއަށް ރާއްޖެއިން ބިންކޮޅެއް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިމާރާތް އެޅުމަށް އެގައުމުން ރާއްޖެއަށް ބިމެއް ދިނުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ، ޢަރަބި އިސްލާމީ ދުނިޔެއާއި ރާއްޖެއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ސްރީލަންކާގައި ތިއްބަވާ އަރަބި ގައުމުތަކުގެ ސަފީރުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ރައީސް ޔާމީން މިމަހުގެ ކުރީކޮޅުގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އިންޑިޔާ ސަރުކާރުން ވަނީ، އެގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ނިއުދިއްލީއިން ވެސް ބިމެއް ދީފަ އެވެ.