24 Jan 2014, 10:25
ސުވިޒަލޭންޑުގެ އެފްސީ ބާސެލް މިސްރު ފޯވާޑް މުހައްމަދު ސަލާހް ޣާލީ މިހިނގާ ޖެނުއަރީ ޓްރާންސްފާގައި 11 މިލިޔަން ޕައުންޑުގެ ފީއަކަށް އިނގިރޭސި ކްލަބު ޗެލްސީއަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ޗެލްސީ އިން ބުނެފި އެވެ.
"އިޖިޕްޝަން މެސީ"ގެ ނަމުން މަޝްހޫރު ވެފައިވާ އުމުރުން 21 އަހަރުގެ ފޯވާޑްގެ މެޑިކަލްއާއި ޕާސަނަލް ޓާމްސް ތައް އަދި ނިމިފައި ނުވި ނަމަވެސް އޭނާ އެ ކްލަބާ ގުޅޭނޭކަމަށް ވެއެވެ.
"ޗެލްސީ ފުޓްބޯލް ކްލަބުން ޔަގީންކޮށްދެން، އެފްސީ ބާސެލްގެ 21 އަހަރުގެ އެޓޭކިން މިޑްފީލްޑަރު މުހައްމަދު ސަލާހުގެ ޓްރާންސްފާގެ އެއްބަސްވުމަކަށް އާދެވިފައިވާކަން،" ޗެލްސީގެ ވެބްސައިޓްގައި ވެއެވެ.
ޗެލްސީގެ ޕްރިމިއާ ލީގު ވާދަވެރިއެއް ކަމަށްވާ ލިވަޕޫލްއިން ވެސް ވަނީ މީގެ އެތައް ދުވަސްތަކެއްކުރިން ސަލާހް އެކްލަބަށް ގެންނަން މަސައްކަތް ފަށައިފަ އެވެ. އަދި އެ ކްލަބުން ޖެނުއަރީ ޓްރާންސްފާގެ ފުރތަމަ ސޮޔަކަށް ސަލާހުގެ ސޮއިހޯދުމަށް އެކުލަބުން ވަނީ މަސައްކަތްކޮށްފަ އެވެ.
ސަލާހު އަކީ އެޓޭކިންގައި ތަފާތު ރޯލުތަކެއް އަދާކުރުމަށް ބޭނުން ކުރެވިދާނޭ ހުނަރުވެރި ކުޅުންތެރިއަކަށްވާއިރު އޭނާ ގެފަރާތުން، މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގާއި އަދި މިސީޒަނުގެ ޗެމްޕިއަންސް ލީގުގައިވެސް މޮޅުކުޅު ކުޅުމެއް ފެނިފައިވެ އެވެ.
ސަލާހު ގެންނަނަން ޗެލްސީއިން ނިންމާފައިވާއިރު އެ ކްލަބުގެ ސްޕެއިން މިޑްފީލްޑަރު ހުއާން މާޓާ، 37 މިލިއަން ޕައުންޑުގެ ފީއަކަށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ވިއްކައިލުމަށް ޗެލްސީ އިން ވަނީ ނިންމައިފަ އެވެ.
މިސްރުގެ އަލް މުގާވިލޫން އިން ފުޓްބޯޅަ ކެރިއަރު ފެށި، ސަލާހު އެފްސީ ބާސެލްއާ ގުޅުނީ 2012 ވަނަ އަހަރު އެވެ. އަދި ޗެލްސީއާ ދެކޮޅަށް ބާސެލްގައި އޭނާ އެންމެ ފަހުން ކުޅުނު ތިން ފަހަރު ވެސް ސަލާހު ވަނީ ޗެލްސީ ކޮޅަށް ލަނޑު ޖަހައިފަ އެވެ.