24 Jan 2014, 03:42
ހެންވޭރުގައި ހަދަމުންދިޔަ އިމާރާތެއްގެ މައްޗަށް ކެރޭނެއް ވެއްޓި، އެ ގެއާ އިންވެގެން ހުރި އިމާރާތްތަކަށް ގެއްލުންތަކެއް ވެއްޖެ އެވެ.
މިރޭ މެންދަމު 2:30 އެހާކަންހާއިރު އެ ހާދިސާގައި ހިނގާފައި ވަނީ ލޮނުޒިޔާރަތް މަގާއި ކަށިމާހިނގުމާ ދިމާވާ ހަތަރު އަނގޮޅި ކަންމަތި ސަރަހައްދުގަ ހުންނަ ހ. ދެތަނޑިމާ ލޮޖް އެވެ. ދެ ބުރިއަށް ނަގާ އިމާރާތުގެ ޝީޗު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ހާދިސާ ހިނގަން މެދުވެރިވީ ކެރޭނުގެ ފައެއް ވިއްދާފައި ހުރި ފަސްގަނޑު ދޫވުމުންނެވެ.
ކެރޭނުގެ އެއް ފައި ފަސްގަނޑުގެ ތެރެއަށް ގަނބައިގެން ދިއުމުން، ސިމެންތި ބަރުކޮށްގެން ކޮޅަށް ނަގާފައިވާ ކެރޭނު ވަނީ އަރި އަޅާލައި، ދެ ގެއެއްގެ މައްޗަށް ވެއްޓިފަ އެވެ. ކެރޭނުގެ ކޮޅު ގޮސް ޖެހުނީ ކެރޭނާ 100 ވަރަކަށް ފޫޓު ދުރުގައި ހުރި ފަސް ބުރީގެ އިމާރާތް، ހ. ބެރިންމަދޫގޭގަ އެވެ. ކޮންކްރިޓް ސިމެންތި ބަރުކޮށްފައިވާ ބަންކަރު ވެއްޓުނީ ގުދަނެއްގެ ގޮތުގައި ބޭނުން ކުރާ ހ. ގަސްކަރަގެ މައްޗަށެވެ.
އެ ހާދިސާ ހިނގި ވަގުތު މަސައްކަތު ބިދޭސީއަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭނާގެ ފަޔަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ތަފްސީލެއް އަދި ނުލިބެ އެވެ.
ނިދަން ތިއްބައި ކެރޭނު ވެއްޓުނު އަޑަށް ހޭލައި، "ވާނުވާ" ބެލި މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި ކެރޭނު ވެއްޓުމާއެކު ކެރޭނު އޮޕަރޭޓް ކުރަން އިން މީހާ މަސައްކަތް ކުރީ އޭތި ކޮޅަށް ނެގޭތޯ އެވެ. އިތުރު ސޭފްޓީއަކާ ނުލައި ކެރޭނު ކޮޅަށް ނަގަން އުޅުމުން "ބާރު އަޑުފައްގަނޑެއް ގޮވައި" އިމާރާތްތަކަށް ގުޑުން އެރި ކަމަށް އޭނާ ބުންޏެވެ.