24 Jan 2014, 00:29
ރާއްޖެގައި ބޭރު ފައިސާ މާރު ކުރުމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ބޭންކް އޮފް ސިލޯނުން 500 މިލިއަން ޑޮލަރު ރާއްޖެއަށް ދިނުމަށް ލަންކާ ސަރުކާރު އެއްބަސްވެފައިވާ ކަމަށް ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމާއެކު ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ސިޔާމް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ފޮރިން އެކްސްޗޭންޖުގެ މައްސަލަ ހައްލު ކުރުމަށް ބިލިޔަނެއްހާ ޑޮލަރު ދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް ބޭންކް އޮފް ސިލޯން މެދުވެރިކޮށް 500 މިލިއަން ޑޮލަރު ހަމަޖައްސައިދޭނެ ކަމަށް ލައްކާ ސަރުކާރުކާރާ ހަވާލާދީ ސިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެ މުހިންމު ކަމަށް އެދުނީ ރާއްޖޭގައި މިއޮތް ފޮރިން އެކްސްޗޭންޗްގެ މައްސަލަ ހައްލު ކުރުމަށް ކަންތައް ގެންދިއުމަށް. އެގޮތުން ދިވެހި ރާއްޖެއަށް ބޭންކް އޮފް ސިލޯން މެދުވެރިކޮށް [ލިބޭނެ ގޮތް ހައްދަވާ ދެއްވުމަށް] އަޅުގަނޑުމެން އެދުނީ އެއް ބިލިއަން ޑޮލަރަށް ދިނުމަށް. އެ ބޭފުޅުން ދެންނެވީ 500 މިލިއަން ޑޮލަރު ތިމަންނަމެން ހަމަ ޖައްސަދޭނަމޭ،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ އޭގެ ސަބަބުން ބޭރު ފައިސާ މާރު ކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލުތަކެއް ލިބޭނެ ކަމަށެވެ. ހަމަ އެއާއެކު ހިލަވެލި ލިބުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ލަންކާ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލަންކާއަށް ރައީސް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގެ ސަބަބުން ލަންކާގައި ތިބި ދިވެހިނަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.