ލީތަލް އިންކެޝަންސް ޖަހައިގެން މަރުގެ އަދަބު ދިނުމުގެ އަމުރަކީ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރައުޔު ކަމަށާއި އެކަމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމިން ވިދާޅުވީ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމަށް ހޯމް މިނިސްޓަރު ނެރުއްވި އަމުރަކީ މަރުގެ ހުކުމަކީ މިހާރު ވެސް ގާނޫނު އުގޫބާތުގައި ދިނުމަށް ކަނޑައަޅާފައިވާ ހުކުމަކަށް ވާތީ ހޯމް މިނިސްޓަރު ނެރުއްވި ރައުޔު ކަމަށެވެ.

"މި ހަފްތާގައި މިފެށޭ ކެބިނެޓް ފުޅާ ދާއިރާއަށް މިކަމާއި [މަރުގެ ހުކުމް ތަންފީޒް ކުރުމާއި ގުޅޭ ގޮތުން] މަޝްވަރާ ކުރާނަން. މީގެ ކުރިން މި އިޝޫއެއް ދިމައެއް ނުވޭ. އަޅުގަނޑުމެންގެ ކެބިނެޓްގައި މީގެ ކުރިން ޑިސްކަސްއެއް ނުކުރޭ. އާންމު އުސޫލެއްގެ ގޮތުން މަރުގެ ހުކުމަކީ ގާނޫނު އުގޫބާތުގައިވާ ހުކުމަކަށްވާތީއާ އެކީގައި ހޯމް މިނިސްޓަރު އެ ނެރުއްވީ ހޯމް މިނިސްޓަރުގެ ރައުޔު،" ރައީސް ވިދާޅުވި އެވެ.

މަރުގެ މައްސަލަ ވަރަށް ބޮޑު މައްސަލައެއް ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން އިސްކަން ދޭނީ މައުސޫމް ގިނަ ރައްޔިތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރުގެ ނިންމަކަށް ވާނީ މި މުޖުތަމައު ހިމާޔަތްކުރުން. އަދި މި ފަދަ ބޮޑެތި ޖަރީމާތައް ހިންގުމަށް ފުރުސަތު ނުދިނުމަކީ އަޅުގަނޑުމެން ސަރުކާރުގެ އަމާޒު،" ރައީސް ވިދާޅުވި އެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ރާއްޖޭގައި ފަހަކަށް އައިސް ވަނީ މަރުގެ މައްސަލަތައް އިންތިހާއަށް އާންމުވެފަ އެވެ.

ރާއްޖޭގައި މިހާތަނަށް 20 މީހަކަށް މަރުގެ ހުކުމް އިއްވާފައިވާއިރު އެ ހުރިހާ ހުކުމްތަކެއް ވެސް ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނާރާނާރީ އެހެނިގެން ރޭވުންތަކުގައި 2012 ވަނަ އަހަރު ވަނީ 10 އަށް ވުރެ ގިނަ މީހުން މަރާލާފަ އެވެ. މިދިޔަ ފަހުކޮޅު މަރާލި ޒުވާނާ، ހުސައިން ވަހީދުގެ މަރާއެކު މިދިޔަ އަހަރު ވަނީ ތިން މީހަކު މަރާލާފަ އެވެ.