މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ފޮޓޯއާއެކު ވޯޓާސް ލިސްޓު އާންމު ކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް، ފޮޓޯއާއެކު ވޯޓާސް ލިސްޓު އާންމު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކައުންސިލް އިންތިހާބުގެ 20 ކައުންސިލެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް އިލެކްޝަން ކޮމިޝަނުގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ވޯޓާސް ލިސްޓް އާންމު ކުރާއިރު ފޮޓޯޔާއެކު އާންމުކުރުމަކީ ބޭރު ބައެއް ގަމުތަކުގައި ކުރާ ކަމެއް ކަމަށެވެ. ނަމަވެސް އެކަމާއި ގުޅިގެން ގިނަ ބަޔަކު ޝަކުވާ ކުރުމުން، ދެން އާންމު ކުރާ ލިސްޓްތަކުގައި ފޮޓޯ އާންމު ނުކުރުމަށް ނިންމާފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ.

"ވަރަށް ގިނަ އަދަދެއްގެ އާންމުންގެ ޝަކުވާ ވަނީ ލިބިފައި، ފޮޓޯ ބޭނުން ކުރިނަމަވެސް މިހާރު އިލެކްޝަން ކޮމިޝަންގެ ވިސްނުން މިހާރު ހުރީ އެކަން ތަކުރާރް ކުރާ ގޮތަކަށް ނޫން، މިދެއްނެވީ ބޭރުގައި ހުންނަ ލިސްޓްގައި ފޮޓޯ ޖެހުމުގެ ވިސްނުމެއް ނެތް މިހާރަކު" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ އެގޮތަށް އާންމުކުރަން ޖެހުނީ މީގެ ކުރީ އިންތިހާބުތަކުގައި ހުށައަޅާފައިވާ ޝަކުވާ ތަކުގެ ސަބަބުން އާއި ސުޕުރީމް ކޯޓްގެ ހުކުމާއި ގުޅިގެން ކަމަށެވެ.

މިރޭ އެންމެ 20 ކައުންސިލްއެއްގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފައިވާއިރު ކުރިއަށް މާދަމާ ވެސް ބައެއް ކައުންސިލްތަކުގެ ވަގުތީ ނަތީޖާ އިއުލާން ކުރެވިގެންދާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނަތީޖާ ޝީޓްތަކުގެ ތެރޭގައި 17000 އަށް ވުރެ ގިނަ ޝީޓް ހިމެނޭއިރު އޭގެތެރެއިން 16000 ޝީޓް އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އަދި 1000 ނަތީޖާ ޝީޓެއް ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުއާދް ވިދާޅުވި އެވެ. އޭނާ މިރޭ ވެސް ވިދާޅުވީ ދެ ހަފްތާގެ ތެރޭގައި ދާއިމީ ނަތީޖާ ލިބިގެންދާނެ ކަމަށެވެ.

ވޯޓްލި އާބާދީ އާއި ގުޅޭ ގޮތުން ސަން އިން ސުވާލުކުރުމުން ފުއާދް ވިދާޅުވީ ވޯޓްލި މީހުންގެ އަދަދު މިހާތަނަށް ދަންނަވަން ނޭންގުނު ނަމަވެސް މާލެ ފިޔަވައި އަތޮޅުތެރޭ ރަށްރަށުގައި ގިނަ އަދަދެއްގެ ބަޔަކު ވޯޓްލި ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބާއި އަޅާ ކިޔޭވަރެއް ނޫން ކަމަށް ފުއާދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް މިހާތަނަށް އައިސްފައި ނުވާ ކަމަށެވެ. ނަމަވެސް ބައެއް ޕާޓީތަކުން ބައެއް ފޮށިތައް އަލުން ގުނަން ކޮންޕުލެއިން ބިއުރޯއިން އެދެމުންދާ ކަމަށާއި އަދި އެ މައްސަލަތައް ބަލަމުންދާ ކަމަށް ފުއާދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބް ނިމިފައިވާއިރު ކުރިއަށް އޮތް ރައްޔޮތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި އެ އިންތިހާބް ބެއްވުމަށް ނިންމާފައި ވަނީ މާޗް މަހުގައި ކަމަށް އެ ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު ވިދާޅުވި އެވެ.