އެކަމުގައި އޭނާ ދެމިހުންނަތާ މަސްތަކެއް ވެއްޖެ އެވެ. ވައްކަމުގައި މޮޅު އުކުޅުތަކެއް އޭނާ ބޭނުންކުރެ އެވެ. ފިހާރައަކަށް ވަދެއްޖެނަމަ އޭނާއަށް ފެންނަނީ ކިރެވެ. ކިރު ދަޅުތަކެވެ. އެހެން އެއްޗެއް އޭނާއަށް ނުފެންނަ ކަހަލަ އެވެ. ކުދި ބޮޑު ހުރިހާ ކިރު ދަޅެއް ވެސް ފިހާރައިގެ ނިޒާމުން ގެއްލުވާލުމީ އޭނާއަށް "ޖާދުލެކެވެ".

އޭނާ އެކަން ކުރާ ގޮތް ކުރު ގޮތަކަށް ކިޔައިދޭނަމެވެ. ފިހާރައަށް ވަންނަނީ ޖީބަށް ކޮތަޅުތަކެއް ލައިގެންނެވެ. ކާރުބާރު ބޮޑު ކަންމަތީ ފިހަރާތަކަށް އޭނާ ޝައުގުވެރިވެ އެވެ. ހާސް ކަމެއް ނެތި ކަންފަތުގައި [ފޭކު] ފޯނެއް ޖަހައިގެން ހުރެ، ޖީބުން ކޮތަޅު ނަގައި، ކިރު ދަޅުތައް ކޮތަޅަށް ބަރުކޮށްލަ އެވެ. ދަނޑިވަޅު ބަލައި، ފައިސާ ނުދައްކާ ފިހާރައިން ނުކުމެގެން "ނައްޓާލަ" އެވެ. މިއީ އޭނާގެ ވައްކަމުގެ އޮޕަރޭޝަން ހިނގި ވީޑިއޯއިން ފެންނަ މަންޒަރެވެ.

ވައްކަމުގައި މައްސަލާގައި އޭނާ ހޯދަމުންދާތާ ފަސް މަސް ފަހުން، މިރޭ ވައްކަމުގައި އުޅެނިކޮށް ފަޅާ އަރައިފި އެވެ. ޖަނަވަރީ މަގު، "އީވްނިން މާޓް" އިން އޭނާ ކުރި ވައްކަން ފަޅާ އަރުވާލީ އެތަނުގެ ސްޓާފުގެ ހިލްމުގެ މޮޅު ކަމުންނެވެ.
http://www.sun.mv/albums/l_22568.jpg
ވަގު އަތުލައިގަތުމަށް "އީވްނިން މާޓު"ގެ މުވައްޒަފުން މިރޭ ޖެއްސި އޮޕަރޭޝަން ފިހާރައިގެ ސުޕަވައިޒަރަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ސަންއަށް ކިޔައިދިނެވެ.

"މީގެ ކުރިން ވެސް މީނަ މި ފިހަރައިގެން މިކަހަލަ ކަމެއް ކުރި. ޖީބުން ކޮތަޅެއް ނަގައިގެން ކިރު ބަރުކޮށްގެން ދާން އުޅެނިކޮށް ސޭލްސް ގާލްސްތަކެއް އޭނާ ހިފެހެއްޓީ،"

އެފަހަރު ސަލާމަތްވީ ބަހަނާތަކެއް ދައްކައިގެންނެވެ. ޖީބުން ނެގި ކޮތަޅަށް ކިރުދަޅުތައް އެޅީ ފިހާރައިގައި ވަށިގަނޑު ނެތުމުން ކަމަށް ބުންޏެވެ. ކިރު ދަޅުތައް ގަންނާނެ ކަމަށް ބުނެ، ސްޓަންޓް ޖައްސައިގެން ސަލާމަތްވީ އެވެ.

އޭގެ ފަހުން އެ ފިހާރައިގެ ސްޓާފުން އޭނާއަށް ފާރަލަ އެވެ. ފިހާރައިގެ ސުޕަވައިޒަރު އޭނާގެ ސިފަތައް ސިކުނޑީގައި ކުރެހި އެވެ. މަގުމަތިން ފެނިއްޖެނަމަ އެއީ ވަގު ކަލޭގެކަން ދަންނަ ހިސާބަށް އޭނާގެ ސިފަ ދަސްކުރި އެވެ.

"މިރޭ ވީ ގޮތަކީ އިޝާ ނަމާދަށް ބަންދުކޮށްފައި ނަމާދަށް ދަނިކޮށް އެ ސަރަހައްދުގައި އޭނަ އެނބުރޭތައް އަހަންނަން ފެނިގެން ވަގުތުން ހުރިހާ ސްޓާފުންނަށް އަހަރެއް އެކަން އެލާޓް ކުރީ،" ފިހާރައާ މިރޭ ހަވާލުވެ ހުރި ސްޓާފް ބުންޏެވެ.

އިޝާ ނަމާދަށްފަހު ފިހަރާ ހުޅުވިތަނުން "ކިރުދަޅު ވަގު" ފިހާރައަށް ވަދެއްޖެ އެވެ. ވައްކަން ކުރަންދެން ސްޓާފުން ތިބީ އޭނާއަށް ދޫކޮށްގެންނެވެ. ރަނގަޅަށް މަޅީގައި ޖެއްސުމަށެވެ. އަމިއްލައަށް ކުށަކަށް ހުށަހެޅި ގަތުމަށް ދޫކޮށްލީ އެވެ.

"އަހަރެން ހުރީ ބޭރުގައި، [ފިހާރައިގެ ބޮޑު މީހާއަށް] ގުޅައިގެން. ކިރު ދަޅުތައް ކޮތަޅަށް އަޅައިގެން ފިހާރައިން ނުކުންނަން އުޅެނިކޮށް، ދުވެފައި ގޮސް އޭނާ ބަނޑުގައި ބައްދައިގަނެ ފިހާރައަށް ވެއްދީ،" ފިހާރައިގެ އިސް މުވައްޒަފަކު ހާދިސާ ކިޔައިދިނެވެ.

އެ ހިސާބުން މީހުން އެވާން ފަށައިފި އެވެ. ފިހާރައިގެ އިތުރު ސްޓާފުންގެ އެހީތެރިކަމާއެކު ފިލަން ގަދަ ދެއްކި ވަގު ހިފެހެއްޓި އެވެ. އާންމުންގެ އެހީއާއެކު ގުޑައި ނުލެވޭ ވަރަށް މަޅީގައި ބާރުކޮށްލި އެވެ.

އޭނާ އަތުލައިގަތް އިރު، ދެ ކޮތަކަށް ކޯސްޓްކިރުގެ، ހަ ކިރު ދަޅު ބަރުކޮށްފައި ހުއްޓެވެ. އެއީ 900 ގްރާމްގެ ފަސް ކިރު ދަޅާއި 1800 ގްރާމްގެ ކިރު ދަޅެކެވެ.

އޭނާ ހައްޔަރު ކުރި ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހަކު "ސަން"އަށް ބުނީ އޭނާ ހޯދަމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި އޭނާ އެ ވައްކަން ކުރާ ވީޑިއޯ ވެސް އާންމުކޮށްފައިވާނެ ކަމަށެވެ.

އެއީ ތެދެކެވެ. ސެޕްޓެމްބަރު 23، 2013ގައި އޭނާ ހޯދަން ވީޑިއޯ އާންމު ކުރި އެވެ. އެފަހަރު ވައްކަން ކުރީ މާފަންނު ފިހާރައަކުންނެވެ. ވަގަށް ނެގީ ވެސް ކިރު ދަޅެވެ. އޭގެ ފަސް މަސް ފަހުން އޭނާ މިއަދު ހައްޔަރުވީ އެވެ. މާފަންނުން ފެށިގެން ހެންވޭރާ ހިސާބަށް އާދެވުނު އިރު "ހާސް ދުވަހު ވައްކަން ކުރެއްވިއްޖެ" އެވެ. ނަމަވެސް ވެރިޔަކަށް އޮތީ ހަމަ އެންމެ ދުވަހެވެ.

ސަހަލު ގޮތެއް ހަދައިފައި ނޫނީ އޭނާ ދޫކޮށް ނުލައިފިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. އޭނާގެ ވަނަވަރެއް ފުލުހުން އަދި އާންމެއް ނުކުރެ އެވެ. ވައްކަމުގެ ފުން މިނަށް ފީނައި، މައުލޫމާތު އާންމު ކުރާ ހިސާބަށް ފުލުހުންގެ ތަހުގީގު އަދި ނުދެ އެވެ.

އިހުސާން ފިހާރައިން "ކިރު ދަޅު ވަގު" ކުރި ވައްކަމުގެ ވީޑިއޯ:
:http://www.youtube.com/watch?v=W9vvACDaf7E